English Edition
Dhivehi Edition

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި “ދެ ރަދުން” ފޮތް ނެރުމަށް ބޭއްވި އިވެންޓަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރި ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެހެންކަމުން އެކަމުގައި އިލެކްޝަންސް ކޮމިޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

އީސީން ފިޔަވަޅު އަޅަމުން ދަނީ ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީއަށް އެކަނި ކަމަށް ބުނެ ކޮމިޝަނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން “ސަންގު ޓީވީ” ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝަރީފް ވިދާޅުވީ، އެ ކޮމިޝަނަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި އޮންނަނީ ސިޔާސީ ޕާޓީއަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޤާނޫނާއި ގަވާއިދު ހިލާފު ވުމުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން، ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، ދެ ޕާޓީ ވެސް 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ފޮތް ނެރުމަށް ކުރިއަށް ގެންދެވި އިވެންޓުގައި، މާސްކް ނާޅުއްވައި، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންގައިވާ ގޮތަށް ތިން ފޫޓުގެ ދުރުމިން ބަހައްޓާފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން މިކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެ ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މާސްކް ނާޅުއްވައި ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ދެއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތައް ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި ފޮޓޯތަކާއި ގުޅިގެން، އެޗްޕީއޭގެ ގައިޑްލައިންތަކާ އަދި ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް އަންގައި ލިޔުން ފޮނުވާފައިވާނެކަމަށްވެސް ޝަރީފްވަނީ ވިދާޅުވެފައެވެ.