English Edition
Dhivehi Edition
ވިމެން އިން ޕޮލިސިންގ އާއި ޕްރޮޖެކްޓް ގާޑިއަން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެގޮތުގައި ހަމަޖެހިގެންދިޔަތާ 16 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ޕްރޮޖެކްޓް ގާޑިއަން އިފްތިތާހުކޮށް، ވިމެން އިން ޕޮލިސިންގެ ނަމުގައި އަންހެން ފުލުހުންނަށް ހާއްސަ ވިއުގައެއް އުފައްދައިފިއެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ރަސްމިއްޔާތު ޝަރަފުވެރި ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަ ފުޅުގައި، ދިވެހި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި މުޖުތަމައުގެ އަންހެނުންނާއި ކުޑަކުދިން އަދި އާއިލާތަކަށް ކުރިމަތިވާ ބޮޑެތި އަނިޔާތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް އެންމެ ފުރަތަމަ ރައްޔިތުން އެދޭ ބަޔަކީ ފުލުހުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށްކުރާ އަނިޔާތައް ހުއްޓުވުމުގައި އެންމެ ކުރީސަފުގައި އެންމެ މުހިންމު މަސައްކަތެއްކުރާ ބަޔަކީ ފުލުހުން ކަމުގައި ފާހަގަކުރެއްވިއެެވެ.

މީގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ތެރޭގައި ގާއިމުކޮށްފައިވާ ޔުނިޓަކީ، ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތައް ތަހުގީގުކުރުމާއި ހެކި ހޯދުމާއި ކޭސް ބިލްޑްކުރުމުގެ ބެސްޓް ޕްރެކްޓިސް އެނގޭ، ފަންނީ ގާބިލުކަންހުރި، މައްސަލައިގެ މުހިންމުކަން ދެނެގަނެގެން މަސައްކަތްކުރާ ޔުނިޓަކަށްވާނޭކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކޯވިޑް 19 އާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓްރަ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ބްރިޓީޝް ހައި ކޮމިޝަނަރ ބައިވެރިވެލެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީއާއި، ޔުނިސެފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ޕްރޮޖެކްޓް ގާޑިއަން

ފުލުހުން ހާމަކުރާ ގޮތުގައި މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓް ގާޑިއަންއަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ކުޑަކުދިންނާއި، އަންހެނުންނާއި، އާއިލާތަކާ ގުޅޭގޮތުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާއި، ހަރަކާތްތަކުގެ މައްޗަށް އެކުލެވޭ ޕްރޮޖެކްޓެކެވެ. އެގޮތުން ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށްކުރާ ކުށުގެ އަމަލުތައް ހުއްޓުވައި އެކަށީގެންވާ އަވަސް މިނެއްގައި ޒިންމާދާރުކަމާއި ރޭވުންތެރިކަމާ އެކީގައި ފިޔަވަޅުއެޅޭނެ މަގު ފަހިކުރެވިގެންދާނެއެވެ. އެގޮތުން އެފަދަ ކުށްތަކާގުޅޭ ރީސަރޗް ސެލްއެއް ގާއިމުކުރުމާއި، އެފަދަ ކުށްތަކާބެހޭ ދިރާސާތައްކުރުމާއި، މުޖުތަމައަށް ބޭނުންވާ އެކިބާވަތުގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ކުށްކުރާ ސަބަބުތަކާއި، ކުށްކުރުމަށް ފުރުސަތުލިބޭ ސަބަބުތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންހިމެނެއެވެ. އަދި ޖިންސީ ކުށްތަކާއި، މަސްތުވާތަކެއްޗާ އޭގެ ވަށައިގެން ހިނގާ ކުށްތަކާއި، ހަރުކަށިފިކުރުގެ ތެރެއިން ކުޑަކުދިންނާއި އާއިލާތަކުގެ ހައްގުތައް ގެއްލޭގޮތަށްކުރާ މަސައްކަތްތައް ހުއްޓުވައި އެފަދަ ފިކުރުތަަކަށް ހުށަހެޅުން ހުއްޓުވުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވިގެންދާނެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުން ހުއްޓުވުމާއި، ޗައިލްޑް ސޭފް ޓުއަރިޒަމްއަށް ހާއްސަ ތަމްރީނުތަކާއި، ސެންސިޓައިޒޭޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހަމައެއާއެކު މިފަދަ ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މައްސަލަތަކުގެ އެކި މަރުހަލާތަކުގެ ކުރީސަފުގައި މަސައްކަތްކުރާ ފުލުހުންނާއި، ތަހުގީގުކުރާ ފަރާތްތަކާއި، ސުޕަވައިޒަރީ އަދި މެނޭޖްމަންޓްގެ ރޯލުތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ލިއްބައިދިނުމާއި، ވަސީލަތްތައް ހަމަކޮށްދިނުންވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެއެވެ. އަދި މިފަދަ މަސައްކަތްކުރާ ފަރާތްތަކަަށް ބޭނުންވާ ނަފްސާނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޭސް މެނޭޖްމަންޓް އޯޑިޓްތައް ހެދުމާއި، ތަހުގީގުކުރުމާއި، ތަހުގީގުތައް މެނޭޖުކުރުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެބަދަލުތައް ގެނައުމަކީވެސް މި ޕްރޮޖެކްޓުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

ވިމެން އިން ޕޮލިސިން

ފުލުހުން ހާމަކުރާ ގޮތުގައި ވިމެން އިން ޕޮލިސިންގެ މަގްސަދަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަންހެން ފުލުހުންނާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުން އިތުރުކުރުވުމަށް މަސައްކަތްކުރުމެވެ. އަދި ރެކްރޫޓުކުރެވޭ އަންހެން ފުލުހުން އިތުރުކޮށް މުއައްސަސާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުވުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ފަހި މާހައުލަކަށް ހެދުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. އަދި މުއައްސަސާގައި ނިންމާ ނިންމުންތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވުމާއި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުމެވެ.

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ވިމެން އިން ޕޮލިސިންގެ ނަމުގައި އަންހެން ފުލުހުންނަަށް ހާއްސަ ޕްރޮޖެކްޓެއް ހިމަނާފައިވާ ކަމަށާއި، ފުލުހުންގެ ލީޑަރޝިޕްގެ ވިސްނުމަކީ ފުލުހުންގެ ހިދުމަތުގައި ސިޔާސަތު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި އަންހެން މުވައްޒަފުންގެ ދައުރު އިތުރަށް ފުޅާކުރުމާއި ފުލުހުންގެ ހިދުމަތުގައި މުވައްޒަފުންނަށް، ޖިންސަށް ބެލުމެއްނެތި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށްވެސް އެ ސަރވިސް އިން ހާމަކުރެއެވެ.