English Edition
Dhivehi Edition

ދިވެހިރާއްޖެ އަދި އެޝިއާ ބައްރުގެވެސް އެންމެ ފުރަތަމަ ލެވެލް 2 ރޯވިންގް ކޯޗުންގެ ގޮތުގައި ކޯޗިން ތަމްރީން ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލް ކޮއްފިއެވެ.
ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރޭ، އެމް.އެން.ޔޫ ހިތަދޫ ކެމްޕަހުގައި، ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 8 ކޯޗުންނާ ވަނީ ލެވެލް 2 ސެޓްފިކެޓް ހަވާލް ކޮއްފައެވެ. މިއީ ރާއްޖެ އަދި ދުނިޔޭގެވެސް ރޯވިންގް ޖަމާއަތް ތަކުން ޤަބޫލް ކުރާ ސެޓްފިކެޓެކެވެ. ސެޓްފިކެޓް ހަވާލް ކޮއްދެއްވީ ޕޮލިސް ސައުތު ޑިވިޝަން ކޮމާންޑާ، އަލީ ޝަރީފްއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރޯވިން އެސޯސިއޭޝަންގެ ރައީސް އަހްމަދު ހަބީބު ވިދާޅުވެފައި ވަނީ ރޯވިން އެސޯސިއޭޝަން އަކީ މިހާރު ރާއްޖޭގެ ހުރިހާ މުއައްސަސާ އަކުން އަދި ދުނިޔޭގެ ‘އޮލިމްޕިކް ސޮލިޑާރިޓީން’ ވެސް ބަލައިގަނެފައިވާ ޖަމީއްޔާ އެއް ކަމުގައެވެ. ހަބީބް ވިދާޅުވި ގޮތުގައި ތަމްރީން ލިބިފައިވާ މި ކޯޗުންނަކީ ރޯވިންގައި ބައިވެރިވާ ކުދިންގެ ބެލެނިވެރިންގެވެސް ފުރިހަމަ އިތުބާރު ލިބިފައިވާ ކޯޗުންނެވެ.

ހަބީބް ވިދާޅުވި ގޮތުގައި މިހާރު ރޯވިން އެސޯސިއޭޝަން ވަނީ އޭޝިއާ ބައްރުގައި ވެސް އޮތް އެންމެ ވަރުގަދަ ރޯވިންގް އެސޯސިއޭޝަނަށް ވުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އެޝިއާ ބައްރުގެ ކޯސްޓަލް ރޯވިންގް ޑިވެލޮޕްމެންޓް ކޮމެޓީ ޗެއާ ކުރައްވަނީވެސް ރާއްޖެއިން ކަން އެނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ޔޫތު އޮލިމްޕިކްސް ކޮލިފައިން އަށް ރާއްޖެ ތަމްސީލް ކުރާ ގައުމީ ޓީމާއި ޖާޒީ ވެސް ހަވާލް ކޮއްފައެވެ. އަދި ޔޫތް އޮލިމްޕިކް ކޮލިފައިން އަށް ދާ ގައުމީ ޓީމް ވެސް ވަނީ ދައްކާލާފައެވެ.

މިރަސްމީއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހެއިރުއެވެ. ޒުހެއިރުގެ އިތުރުން އައްޑޫ ސީޓީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް، އައްޑޫ ސިޓީ ޕޮލިސް ޑިވީޝަން ކޮމާންޑަރ އަލީ ޝަރީފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.