English Edition
Dhivehi Edition

އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވި 7809 މީހުންނަށް ވޭތުވެދިޔަ ނުވަ ދުވަހު ތެރޭގައި ފުލުހުން ނަސޭހަތްތެރި ވެފައިވާކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މައުލޫމާތު ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ ވޭތުވެދިޔަ ނުވަ ދުވަހުގެ ތެރޭގައި ނަސޭހަތްތެރިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބޭރުގައި އުޅުން މަނާ ވަގުތުގައި ބޭރުގައި އުޅުނު 3813 މީހަކާއި އެއްގަމު އުޅަނދު ދުއްވުން މަނާވަގުތުގައި އުޅަނދު ދުއްވައިގެން ނަސޭހަތްތެރިވި 1095 މީހަކާއި މާސްކު ނާޅާ ބޭރުގައި އުޅުނު 2901 މީހުން ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، އުޅުން މަނާ ވަގުތު ބޭރުގައި އުޅުނު 1580 މީހުން ޖޫރިމަނާކޮށް، އުޅަނދު ދުއްވުން މަނާ ގަޑީގައި އުޅަނދު ދުއްވައިގެން 274 މީހަކު ޖޫރިމަނާކޮށްފައިވާއިރު، މާސްކު ނާޅާ ބޭރުގައި އުޅުނު 1188 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އަދަދުތައް އިތުރުވުމަކީ ފުލުހުން ބޭނުންވާ ކަމެއް ނޫންކަން ފާހަގަކުރައްވައި، މި އަދަދުތައް މަދު ކުރުމަށް އާންމު ރައްޔިތުން އެއްބާރުލުން ދެއްވުމަށާއި ކޯވިޑް އިތުރަށް ފެތުރުނަ ނުދިމުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތްކުރުމަށް ސަމީރު އެދިލެއްވިއެވެ.

މީގެ އިތުރުން މާލެ ސިޓީގައި ހިދުމަތްދޭ ބައެއް ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުން ރޭގަނޑު 21:30 ގެ ފަހުންވެސް ހިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އިންސްޕެކްޝަނަށްފަހު، ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެފަދަ ތަންތަނުގައި ތަތްކުރާ ނޯޓިސް އަމިއްލައަށް ނައްޓާލައި އެ ތަންތަނުން ހިދުމަތްދެމުންދާ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި އެގޮތަށް ކަންތައްކުރާ ތަންތަނާމެދު ފިޔަވަޅު އަޅާނެ ކަމަށާއި، ފުރަތަމަ ބަންދު ނޯޓިސްއާއެކު 1000 ރުފިޔާއިން ޖޫރިމަނާކޮށް 48 ގަޑިއިރަށް ތަން ބަންދު ކުރާނެ ކަމަށާއި ދެވަނަ ފަހަރު ތިން ދުވަހަށް ތަން ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމުގައެވެ. އަދި ތިންވަނަ ފަހަރުގެ ނޯޓިސްއާއެކު 1000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަހަށް ތަން ބަންދުކުރާނެކަމުގައި ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރޭގަނޑު 20:00 ގެ ފަހުން އާންމުންނަށް ހިދުމަތްދިނުމަށްޓަކައި ހުރިހާ ޓެކްސީ ސެންޓަރެއް ހިމެނޭގޮތަށް އެ ތަންތަނަށް 15 ފާސް ދޫކޮށްފައިވާނެ ކަމަށާއި، އެއް ފާހެއް ދެ ޓެކްސީއަކުން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާ އެހެންކަމުން އެކަންކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.