English Edition
Dhivehi Edition
ކޮމިއުނިޓީ ޝީލްޑްއާއެކު އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުުން ކުޅެމުން އަންނަ ކޮމިއުނިޓީ ޝީލްޑް މެޗުގައި ފުރިހަމަވަގުތު ހަމަވިއިރު، ލިވަޕޫލާ 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން އާސެނަލް މޮޅުވެއްޖެއެވެ.

މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުން ލިވަޕޫލް ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މެންޗެސްޓާ ސިޓީ އަތުން އެ ޓީމު ބަލިވީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ. އަނެއްކޮޅުން، އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި އެ ޓީމުން ހޯދި ދެވަނަ ކާމިޔާބީއެވެ. އާސެނަލުން މިދިިޔަ ސީޒަނުގެ އެފްއޭކަޕް ކާމިޔާބުކުރީ ފައިނަލްގައި ސިޓީ ބަލިކޮށްފައެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ނުކުޅެއެވެ. އާސެނަލުން ރޭގެ މެޗަށް ނިކުތީ އެލެކްސެންޑާ ލަކަޒޭ އާއި ނިކޮލަސް ޕެޕޭ ނުލައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެ ކުރީން ލިޑްނެގީ ވެސް އާސެނަލުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ވިންގާ ބުކާޔޯ ސާކާ ދިން ބޯޅައަކުން ލީޑްނަގައިދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން އެވެ. މިއީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ރީތި ހަމަލާއަކުން އޯބަމަޔަން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު އޯބަމަޔަން ވަނީ ވެމްބްލީގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ފަސް ލަނޑުޖަހާފައެވެ.

އޭގެކުރީން، މެޗުގެ ކުރީކޮޅު ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ އެ ގޯލް ގަބޫލެއްނުކުރިއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އެ ޓީމުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ލިވަޕޫލާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ އާސެނަލް

ލިވަޕޫލުން ދެވަނަ ހާފުގެ ކުރީކޮޅު ގެނައި ބަދަލުތަކާއެކު ކުޅުން ރަނގަޅުކޮށް، ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން، މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް އެއްވަރުކޮށްދިނީ މި ހާފުގައި ކުޅެން ނިކުތް ޖަޕާނުގެ ޓަކުމީ މިނަމީނޯ އެވެ. ރެފްރީ މި ގޯލް ގަބޫލުކުރަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. އެއީ މި ލަނޑު ޖެހުމަށް ލިވަޕޫލުން ހަމަލާ އުފެއްދިއިރު އެ ޓީމުގެ މުހައްމަދު ސަލާހުގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބެލެވިގެން އިތުރަށް ޗެކް ކުރުމުގެ ގޮތުންނެވެ.

އޭގެފަހުން، މެޗުގެ 81 ވަނަ މިނެޓުގައި ލިވަޕޫލް މޮޅުކޮށްދިނުމަށް މާނޭ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން މާނޭ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.

އަދި އޭގެ ފަހުން، އާސެނަލްގެ ޖޯ ވިލޮކް އާއި އޯބަމަޔަން އަށް ނިންމާލަން ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. މިއާއެކު މެޗު އެއްވަރުވުމުން އިތުރު ވަގުތު ނުކުޅެ ސީދާ ދިޔައީ ޕެނަލްޓީ އަށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލްގެ ސަލާހު އާއި ފަބީނިއޯގެ އިތުރުން މިނަމީނޯ އަދި ކާޓިސް ޖޯންސް ސްޕޮޓްމަތީން ކާމިޔާބުކުރިއިރު، ތިންވަނަ އަށް ޖަހަންދިޔަ ރިއާން ބްރޫސްޓާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އާސެނަލުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފުރަތަމަ ހަތަރު ޕެނަލްޓީ ވައްދާލީ ރީސް ނެލްސަން އާއި އައިންސްލީ މެއިޓްލަންޑް-ނައިލްސްގެ އިތުރުން ސެޑްރިކް ސޮއާރޭސް އަދި ޑޭވިޑް ލުއިޒް އެވެ. އަދި އޭގެފަހުން، ފަހު ޕެނަލްޓީ ޖަހައި ޝީލްޑް ކަށަވަރުކޮށްދިނީ އޯބަމަޔަން އެވެ.