English Edition
Dhivehi Edition

ނަފްސުގެ ހުރުމަތެއްނެތް ޙާލު ލިބޭހާ ފައިސާދީގެން ފުރަމާލޭގައި އެތައް އަހަރެއް ވާންދެން އުޅެފައި އަމިއްލަ އުފަން ބިމަށް އެނބުރިއައީ އުންމީދުތަކަކާއި އެކުގައެވެ. ކަންދިމާކުރިގޮތުން ރަށަށް ފުންމާލެވުނީ އިންތިޚާބުތަކެއް ބޯމަތިވެފައިއޮތްވައެވެ. ދޮގުހެދުމާއި އޮޅުވާލުމުގެ ފަންނުގައި އެންމެ ފުންނާބުއުސް ތަރިންގެ ތެރެއިން، އެވަގުތު އިސްކޮށް ތިއްބެވި ސިޔާސީ މުޙައްނިކުން އޭރު ގެންދިޔައީ ރައްޔިތުންނަށް އިރުހަނދާއި ތަރިވެސް، ވިދާ ކަރުދާހުގައި ކުލަކުލައިގެ ރިބަން ޓައިޖަހައި ޕާރުސަލްކޮށް ހަދިޔާކުރަމުންނެވެ.

ދަންނަވަންތޯއެވެ. މިއައީ ވާހަކައިގެ ކުންނާއި ހަމައަށެވެ. ރަށަށް އައިތަނާހެން ރަށުގައި ދިރިއުޅެން ގޯއްޗެއް ލިބިދާނެކަމުގެ ފޮނި ހުވަފެން ދިމާލަކުން ދައްކުވައިފިއެވެ. ފޯމުސެޓަކާއިއެކު އެއަށް ބޭނުންވާހައި މައޫލޫމާތު ޖަމާކޮށް ހުށަހަޅަންޖެހޭ މުއްދަތުގެވެސް މާކުރިން ފޯމުސެޓު ހުށަހެޅީމެވެ. ފޯމު ހުށަހެޅުމަކީވެސް މިއީ ޒާތެއްގެ އަރަތެކެވެ. ރަށުގެ ރަޖިސްޓަރީގައި އޮވެމެ އަދި ރަށުގެ އަވަށު އޮފީހުގައި ރައްޔިތުމީހާއާއިގުޅޭ ހުރިހާ މަޢުލޫމާތެއް ރިކޯޑުކުރެވިފައި ހުރިކަމުގައި ވިޔަސް ކުޑަމިނުން އައި.ޑީ ކާޑު ކޮޕީވެސް ހުށަހަޅަންޖެހެއެވެ. ތަހުޒީބު ތަންތާނގައި މިއީވެސް ރައްޔިތުންނަށް ލުއިފަސޭހަކޮށް ކުރެވޭ ކަންކަމެވެ. ކޮންމެއަކަސް ފުދޭވަރެއްގެ ‘އިންވެސްޓެއްކޮށް’ ބޭނުންވާހައި މަޢުލުމާތު އެއްކޮށް ގޯއްޗަށް އެދި ހުށަހެޅިތާ މިހާރު އަހަރު ދެއަހަރުވީއެވެ. ޚަބަރެއް ނުވެއެވެ. އެތައް ސަތޭކަބަޔަކު ގޯއްޗެއްގެ އިންތިޒާރުގައި އެބަތިއްބެވެ. ސުވާލުކުރާއިރަށް މުހުލަތެއްދީފައި ރައްޔިތުމީހާ ޅޮސް އުނދޯއްޔެއްގައި ބައިތިއްބައިގެން ބަޔަކު އެހެރަ ކޮއިލުގެ ދައުރު ހަމަކުރަނީއެވެ. މިބަޔަކު މުސާރަ ބަރާބަރަށް ނަންގަވައެވެ. ޒިންމާ އަދައެއްނުކުރައްވައެވެ.

ހައިރާންވާންޖެހޭ ހިސާބަށް މިހާރު މިއައީއެވެ. އަމިއްލަ ހައިސިއްޔަތުން މިމައްސަލައާއި ގުޅޭގޮތުން އުޑިކިބަފިލާފައި ތިބޭނެކަން ޔަޤީންކުރެވޭ ބައެއް ފަރާތްތަކާއި ސުވާލުކޮށް، މިކަމުގައިހުރި ކަންބޮޑުވުންތައް ޙިއްސާކޮށް، ގޯތި ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯ ބަލަން އުޅުމުން ވަރަށް ފަސޭހައިން މިކަން ދެނެގަނެވިއްޖެއެވެ. ޖަވާބު ވަރަށްވެސް ކުރެވެ. “ހަމަ ނުދޭންވެގެން ނުދެނީއެވެ.” ޤައިމުވެސް ފޯމުތައް އިވެލުއޭޓްކޮށް ޕޮއިންޓްވެސްހުރީ ދީފައެވެ. ކައުންސިލް އިދާރާއާއި އަވަށު އޮފީސްތެރޭގައި ޒިންމާއިން ފިއްލަވައިގެން އުޅުއްވާ ޑިރެކްޓަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިހާރު މިދައްކަނީ އެބޭފުޅުންގެ ވާހަކައިން އެނގިލައްވާނެއެވެ. ‘އިހުމާލު’ މިއީ މިބޭފުޅުންގެ ރަދީފުގައި ނެތް ބަހަކީ ތޯއްޗެކެވެ.

މިނޫންވެސް ދުވަހެއް އޮތްކަމާއި، ކޮންމެވެސް ހިސާބަކުން އަރައިގަނެވިފައިވާ އެތައް ބައެއްގެ ހައްޤު އަދާކުރައްވަން ޖެހިވަޑައިގަންނަވާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ވަކާލާތުކުރަން ފުރިހަމައަށް ތައްޔާރުވެވަޑައިގެން ތިއްބަވާށެވެ. ދުނިޔެމަތީގައިވެސް އަނިޔާވެރި ވެރީންގެ ބާރު ގިނަފަހަރު ނެތިދަނީ ހިތާމައާއި ވޭނާއި ކެކުޅުމުގައެވެ. ނާއިންސާފާއި އަނިޔާއާއި، ފޭރުމާއި ދެކޮޅަށް ބަޔަކު ނިކުންނަ ދުވަހަކު ޤައިމު އަޅުގަނޑުވެސް ތިޔަ ޖައްބާރުންނާއި ދެކޮޅަށް ނިކުންނާނަމެވެ.

1 ކޮމެންޓް
Aisaa
އޮގަސްޓް 29, 2020
kHabarah leynakoa meehunah key engey gotha leyfelau heu niveyheh ?