ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތުގައި ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް އެންމެ ހަތް މެންބަރުން ވޯޓުދެއްވި އިރު އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 24 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ އާމްދަނީ ހޯދުމަށް ދިވެހިން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލަން ޖެހި ފުރަބަންދުގައި ގިނަ ދުވަސްތަކެއް ތިބެން ޖެހުމުން މީހުންގެ އާމްދަނީ އެއްކޮށް ހުއްޓި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ކޮވިޑް 19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެދިލައްވާކަމަށެވެ.
ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ އިތުރު ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ބުނަމުން އަންނައިރު މި ބަލި މަޑުކަމުގައި ގިނަ ބައެއްގެ ވަޒީފާ ގެއްލި މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ އަސަރުކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ ފަގީރު ގައުމުތައް ބަނޑަށްޖެހި ބަލީގައި މީހުން މަދުވާ ނިސްބަތަށް ބަނޑުހައި ހޫނުކަމުގައި މީހުން މަރުވެދާނެކަމަށްވެސް ކަމާއި ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.