English Edition
Dhivehi Edition

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށް އެ މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާ ގުޅިގެން، މި އޮގަސްޓް މަހުގެ 17، 18 އަދި 20ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ ދެ ގެ އަކާއި މައްސަލަތަކާ ގުޅުންހުރި މީހުން ތިބި ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިގޮތުން އޮގަސްޓް 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު 256 ފުޅި ބަނގުރާ ފެނިފައިވާއިރު މި މައްސަލައާ ގުޅިގެން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އޮގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ރެސްޓޯރަންޓެއްގައި ތިބި 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޮގަސްޓް 20 ވަނަ ދުވަހު ދެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެތެރެއިން ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 45 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވެއެވެ. އަދޮ މި މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ހަމަ އެ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައި، ބޮޑުތަކުރުފާނު މަގު 2 ނަމްބަރު ކުނިކޮއްޓާދިމާ ތޮށިމަތިން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކޮށްފައިވެއެވެ. އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި، އަށް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.