English Edition
Dhivehi Edition

 

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން އަދި އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުގައި ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި، 29 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

މި ދެ މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ 09:45 އެހާކަންހާއިރު އެކުއްޖާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކެއް ފެނުމާއި ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ނުވަ ފުޅި ފެނިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ 29 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ 17:39 ހާއިރު ތިމަރަފުށި މަގުމަތިންނެވެ.

އެ އަންހެން މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޗާޖަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެއިތުރުން މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައިފާސްކުރިއިރު، އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ކޮތަޅެއް ފެނިފައިވާކަމަށާއި

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލަތައް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.