English Edition
Dhivehi Edition
ވ. ތިނަދޫ - ފޮޓޯ: ދަ ޕްރެސް

ވ. ތިނަދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ހާމަކުރާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ފުރަބަންދު ކަރަންޓީނުގައި ތިބި ދެ މީހަކު ކަމަށެވެ. އެގޮތުން އެމީހުން ޕޮޒިޓިވްވެފައި ވަނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުގެ ނަތީޖާއިން ކަމަށާއި، އެއީ އުމުރުން 36 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ އަންހެނަކު ކަމަށްވެސް އެޗްއީއޯސީން ބުންޏެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ފެނުނު މަހުން މި ބަލި ދަނީ މިހާރު މަޑުމަޑުން އަތޮޅުތެރޭގެ އެހެނިހެން ރަށްރަށަށްވެސް ފެތުރެމުންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އައްޑޫ ސިޓީ ހިތަދޫ އާއި ފޭދޫ ހިމެނޭހެން ޖުމްލަ 19 ރަށަކުން ވަނީ ކޮވިޑް ފެނިފައެވެ. އެއީ ހއ. ފިއްލަދޫ އާއި، ހދ. ކުރިނބީ އާއި ބ. ކުޑަރިކިލު އާއި ކ. ތުލުސްދޫ، ފ. ނިލަންދޫ، ތ. ވިލުފުށި، ހއ. އިހަވަންދޫ، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ކ. ހިންމަފުށި، ވ. ކެޔޮދޫ، ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ އަދި ބ. ކޮމަދޫ އާއި ޅ. ނައިފަރުގެ އިތުރުން އދ. މާމިގިލި އާއި ތ. މަޑިފުށި އަދި އައްޑޫ ސިޓީ ފޭދޫ އާއި ހިތަދޫ އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ ފަސް މަސް ވެފައިވާއިރު، މި ބައްޔަށް މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 24 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް 3،600 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.