English Edition
Dhivehi Edition

އައްޑޫ ބެޑްމިންޓަން ކުލަބް(އޭބީސީ) އާއި ސ.ހިތަދޫ ޒުވާނުންގެ މަރަކަޒު ގުޅިގެން ބާއްވާ ދެވަނަ “ދިރާގް ޓީޗަސް ބެޑްމިންޓަން ޓޯނަމަންޓް”ގެ ފެށުން ހައި ސްކޫލް،ޝަރަފުއްދީން ސްކޫލް އަދި މަރަދޫ ސްކޫލް ރަނގަޅުކޮށްފިއެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓްގައި ރޭ ކުޅުނު މިމުބާރާތުގެ 4 މެޗުގެ ތެރެއިން ދެމެޗު ހައި ސްކޫލް ކާމިޔާބުކޮށްފައިވާއިރު ދެން ކުޅެވުނު ދެމެޗުގެ ތެރެއިން 1 މެޗު މަރަދޫ ސްކޫލް ކާމިޔާބުކޮށްފައިވާއިރު އަނެއް މެޗު ކާމިޔާބުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލުންނެވެ.

އޭބީސީ ޓީޗަރސް މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި މަރަދޫ ސްކޫލްގެ ފިރިހެން ޓީމް ޝަރަފުއްދީންގެ މައްޗަށް 3-2 ސެޓުން ކުރި ހޯދާފައި ވާއިރު ފިރިހެން ބައިގައި ކުޅެވުނު ދެވަނަ މެޗު އައްޑޫ ހައި ސްކޫލްގެ ވަނީ 3-2 ސެޓުން މެޗު ކާމިޔާބުކޮށް ފޭދޫ ސްކޫލް ބަލިކޮށްފައެވެ.

އޭބީސީ ޓީޗަރސް މުބާރާތުގައި ރޭ ކުޅެވުނު އަންހެންބައިގެ ގްރޫޕް އޭގެ މެޗުން މަރަދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން 3-2 ސެޓުން ކުރި ހޯދާފައިވާއިރު އަންހެން ބައިގެ ގްރޫޕް ބީ ގެ މެޗު އައްޑޫ ހައި ސްކޫލް ވަނީ ފަސޭހަ ކަމާއި އެކު ފޭދޫ ސްކޫލްގެ މައްޗަށް ކުރި ހޯދާފައެވެ.

މިއަހަރު އޭބީސީ ޓީޗަރސް ޓޯނަމެންޓްގައި 6 ސްކޫލްއަކުން އަންހެން ފިރިހެން ހިމެނޭ ގޮތަށް 11 ޓީމް ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ އަންހެން 6 ޓީމް އާއި ފިރިހެން 5 ޓީމެވެ.

އެބީސީ ދެވަނަ ބެޑްމިންޓަން މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ ދިރާގު އަދި މީޑިޔާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.