English Edition
Dhivehi Edition
10 މާރިޗު 2020ގައި ފުލުހުންނާއެކު އީސީން ބޭއްވެވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު ހަތަރ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ނަން އަނބުރާ ގެންގޮސްފައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓެކެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނަކީ ގދ. ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ދެ ކެންޑިޑޭޓަކު ކަމަށްވާ ފާޠިމަތު އީނާސް (އީނާ)، ސަވޭރީ، ގދ. ގައްދޫ އާއި މަރްޔަމް މުޙައްމަދު (މަރިޔަމް މަނިކް)، ކުރެދިމާގެ، ގދ. ގައްދޫ އަދި ގއ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ސަލްމާ، ސުހާނާވިލާ، ގއ. ނިލަންދޫ އަދި ށ. ކަނޑިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ފާޠިމަތު ޝާމިލާ، ބަހާރުގެ، ށ. ކަނޑިތީމު އެވެ.

މީގެ ކުރިންވެސް ކައުންސިލް އިންތިޚާބަށް ކުރިމަތިލީ 31 ކެންޑިޑޭޓަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލި 10 ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.