English Edition
Dhivehi Edition

ގާސިމް އިބުރާހީމަށް ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ކަންތައް ވީހާވެސް އަވަސް ކުރުމަށް ކަމިޝަނާ އޮފް ޕްރިޒަންސް އަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އަންގަވައިފިއެވެ.

މިނިސްޓަރު އަޒްލީން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި އޭނާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ގާސިމްގެ ބަލި ހާލަތު ހުރިގޮތުންނާއި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި ލިބެންޖެހޭ ފަރުވާތައް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ ޑޮކްޓަރުގެ ލަފާގެ މަތިން ގާސިމްއަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ވީހާވެސް އަވަހަކަށް ފުރިހަމަކޮށްދިނުމަށް އެދޭ ކަމަށެވެ.

ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް އެ ފަރުވާ ވީހާ ވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި ސިޓީގައި ވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގެކުރިން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ރަސްމީކޮށް އެދިވަޑައިގެންފައިނުވާ ކަމަށެވެ.

ގާސިމް ޖަލަށްލާން ހުކުމްކުރީ ވެސް ފަރުވާއަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފައި ވަނިކޮށެވެ.

ރިޝްވަތު ހުށަހެޅުއްވިކަމުގެ ކުށުގެ ދައުވާ ސާބިތުވެ، ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގާސިމް އިބުރާހީމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ވެރިޔާއެވެ.