English Edition
Dhivehi Edition

ފިލައިގެން އުޅޭ ބިދޭސީން ނުވަތަ ވަރކް ވީސާގެ އުސޫލުތަކާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބޭނުން ބައެއް ވިޔަފާރިތަކުން ކުރަމުން ގެންދާ ކަަމަށާއި އެފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ވަރކް ވިސާގެ ދަށުން ރާއްޖޭގައި މަސައްކަތްކުރުމަށް ހުއްދަދީފައިވާ އުސޫލުތަކާ ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީންގެ ބޭނުން ބޭނުންކޮށްގެން ޚިދުމަތް ހޯދާ ވިޔަފާރިތަކަކީ ކޮބައިކަން ދެނެގަނެ، ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ މިނިސްްޓްރީން ބުނެއެވެ. އަދި މިފަދަ ބިދޭސީން އަމިއްލައަކަށް ހަދައިގެން އުޅޭ ގްރޫޕްތަކުގެ ޚިދުމަތް، ޕަބްލިކް އަދި ޕްރިވެޓް ސެކްޓަރ ވިޔަފާރިތަކުން ހޯދަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށާއި ބައެއް ވިޔަފާރިތަކުން ކުރާ މިފަދަ ޢަމަލުތަކަކީ، ރާއްޖެއަށް މަސައްކަތްކުރުމަށް އެތެރެވާ ބިދޭސީ މަސައްކަތުމީހުންނަށް ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ހައްޤުތައް ޔަޤީންކޮށްދިނުމަށް ކުރިމަތިވާ ގޮންޖެހުމެއްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އުސޫލުތަކާ ޚިލާފަށް ވިޔަފާރިތަކުން ބިދޭސީ މަސައްކަތުމީހުން ބޭނުންކުރުމަކީ ވަޒީފާދޭ ފަރާތްތަކަށް ފިލައިގެން ދިއުމާއި، ބިދޭސީން އަމިއްލައަށް ގްރޫޕްތައް ހަދައިގެން ޤަވާޢިދުތަކާ ޚިލާފަށް އުޅުމަށް މަގުފަހިވާކަމެއްކަމަށެވެ.

ޤަވާއިދާ ޚިލާފައްއުޅޭ ބިދޭސީންގެ ކިބައިން ވިޔަފާރިތަކުން އެގޮތަށް ހޯދާ ޚިދުމަތްތަކަކީ، ޒިންމާ ނަގާނެ ވަޒީފާ ދޭ ފަރާތެއް ނެތުމުގެ ސަބަބުން، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ބިދޭސީ މަސައްކަތުމީހުން ހުށަހެޅިގެން ދިއުމަށް މެދުވެރިވާ ސަބަބަކަށް ވަނީ ވެފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަސައްކަތުމީހުންގެ މައްސަލަތައް އިމިގްރޭޝަނަށް ހުށަހަޅައިގެން އެމީހުންނަކީ ޤަވާއިދާއެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ފުރުޞަތު ވަޒީފާދޭ ފަރާތްތަކަށް އޮތްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.