English Edition
Dhivehi Edition
އެމްޓީސީސީ ޓަވަރ - ފޮޓޯ: މުޙައްމަދު މުޒައްޔިން ނާޒިމް (ސަން)

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، އެ 02 ޑިރެކްޓަރުން އިންތިހާބްކުރުން މިއަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ބޯޑް ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1c ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ “ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން” އަށް ފެތޭ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އިންތިޚާބުކުރެވޭ ޑިރެކްޓަރުންގެ ޑިރެކްޓަރުކަމުގެ މުއްދަތަކީ 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޙުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚަށެވެ.

އެ މަޤާމަށް އެދި ހުށަހަޅަން ޖެހޭނީ އޮގަސްޓް 30 ވަނަ ދުވަހުގެ 16:00ގެ ކުރިން އެމްޓީސީސީގެ ހެޑް އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.