English Edition
Dhivehi Edition

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ އަދި ޖެންޑަ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހަތް މަސް ފަހުން ދޫކޮށްލާފި އެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ޖެނުއަރީ މަހު 26 ވަނަ ދުވަހު ރާއްޖެ ވަޑައިގަތް ހިސާބުން ފެށިގެންނެވެ.

ޝިދާތާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ 211 ދުވަސް ވަންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަތް މަސް ޝިދާތާ ސިފަކުރައްވާފައި ވަނީ ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓި ގޮތަށެވެ.

“…މިމުއްދަތުގެ ތެރޭގައި އެއްވެސް އަސާސެއް ނެތި ވަނީ ގައުމުގައި ބަންދުކޮށްފައި،” ޝިދާތާގެ ޓުވީޓްގައި ވިދާޅުވި އެވެ.

ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގަ އެވެ. އިބްތިހާލް މަރާލި އިރު ޝިދާތާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ޝީދާތާގެ ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެދުމަށް ކަމަށެވެ.