English Edition
Dhivehi Edition

އެފްއޭއެމް މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަމްސުއްދީން ސްކޫލުން ހޯދައިފި އެވެ. އިއްޔެ ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ޝަމްސުއްދީން ސްކޫލުން ކާމިޔަބުކުރީ ޝަރަފުއްދީނު ސްކޫލާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ކުޅެފައިވާއިރު ދެ ޓީމަށްވެސް ވަނޫ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. ދެވަނަ ހާފުގައި ޝަމްސުއްދީން ސްކޫލުން މޮޅު ކުޅުމެއް ކުޅެ، ލިބުނު ފްރީ ކިކަކުން ޝަމްސުއްދީނުން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސައްޔާދެވެ. ޝަރަފުއްދީނު ސްކޫލަށްވެސް މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާ އިރު ޝަމްސުއްދީނު ސްކޫލުގެ ގޯލުކީޕަރުވަނީ ކުޅަދާނަކަމާއެކު ހަމަލާތައް ދިފާއުކޮށްފައެވެ

މުބާރާތުން ފަޚުރުވެރި ކާމިޔާބީއެއް ހޯދުމަށްފަހު، ޝަމްސުއްދީން ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން މުހައްމަދު ހިޒްޔަމް ބުނެފައިވަނީ މިއަދަކީ ސްކޫލަށާއި ސްކޫލުގެ އެންމެހައި ދަރިވަރުންނަށް އުފާވެރި ދުވަހެއްކަމަށެވެ. “މި މެޗު ބެލުމަށްޓަކައި ހިތަދޫ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވި ކަމަށްޓަކައި ޕީޓީއޭ އަށް ޝުކުރު ދަންނަވަން. އަދި ސަޕޯޓްކޮށްދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރިއްޔާ.”ހިޒްޔަމް ބުންޏެވެ. މީގެ އިތުރުން ޝަމްސުއްދީން ސްކޫލުންވަނީ ޓީމުގެ އޮފިޝަލުންނާއި ބެލެނެވެރިން ވެދެއްވި އެހީއަށް ޝުކުރު ދަންނަވާފައެވެ.

މީ ޝަމްސުއްދީނު ސްކޫލު މި މުބާރާތުގެ ތަށި ކާމިޔާބުރި ދެވަނަ ފަހަރެވެ.