English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިދުވަސްވަރު މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، މިއަދުން ފެށިގެން ޢަމަލު ކުރަމުން ގެންދަންވީ ގޮތް ބަޔާންކޮށް ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، “މަސްޖިދުއް ތަޢާވުނި” (އާސަހަރާ މިސްކިތް) ގައި ކަމަށެވެ. އަދި ކޮޑިވް ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައި ކަމަށެވެ.

މީގެ އިތުރުން މަސްޖިދުއް ތަޢާވުނި (އާސަހަރާ މިސްކިތް) ގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުން ކަމަށާއި، މައްޔިތާ އާސަހަރާއަށް ގެނަވުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން ވަރަށް އިސްކަން ދޭންވާނެ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

އަދި މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެން ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރާ ފަރާތްތަކުން، ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި އެޗްޕީއޭގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށްވެސް އަންގައިފަ އެވެ.