English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުންކުރި ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ޤާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތްކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ގާސިމްގެ ގާނޫނީ ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، ގާނޫނޫނުއަސާސީއާއި ގާނޫނުތަކާ ވެސް ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށާއި އަދި ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނު ނިންމެވީ ކަމަށެވެ. އިސްތިއުނާފްގެ ދެ މަރުހަލާ ނިމެންދެން ގޮނޑިއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިޓީ އަކުން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކޮށްފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޤާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، ޤާނޫނޫނުއަސާސީއާއި ކަމާގުޅުންހުރި އެހެނިހެން ޤާނޫނުތަކާ ވެސް ޚިލާފަށް އަދި އެމަނިކުފާނުގެ ޣައިރު ޙާޟިރުގައި ޝަރީޢަތްކޮށްގެން ކޮށްފައިވާ ޙުކުމެއްކަމަށްވާތީ، އެޙުކުމް އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް ކުރިނަމަވެސް، އެޙުކުމެއް އިސްތިއުނާފުކުރުމުގެ ޙައްޤު އޮތްހާހިނދަކު، އެމެންބަރެއް ތަމްސީލުކުރާ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ނުބެލެވޭނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-C/46ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ” ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށް ބުނެފައިވާކަމަށް މި ބަޔާނުގައި ވެއެވެ.

މިފަދައިން ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު އެގޮނޑިއެއް ހުސްވެއްޖެކަމަށް ޤާނޫނީ ގޮތުން ނުބެލެވޭނެ ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.