English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

55 މޭލަށް ވައިގަދަވެ، އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިއަދު 10:00 އިން ފެށިގެން 15:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.

މީގެ އިތުރުން އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވެ، ކަނޑުތައް ގަދަވުމާއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެ ވޭ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވެއެވެ.

މީގެ އިތުރުން ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.