English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު އަށް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ކުރިމަތިލި ހަތަރު ކެންޑިޑޭޓެކެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓަކީ ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި އަރޫޝާ އިބްރާހީމް، ބުރެވިމާގެ / ހއ. ތަކަންދޫ އެވެ.

މީގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ގއ. ނިލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި މަރްޔަމް ޒަހީނާ، ބަހާރުވިލާ / ގއ. ވިލިނގިލި އާއި ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި އަޙްމަދު ޟުޙާ މުޙައްމަދު ޢަލީ، ނަޞްރުވިލާ / ކ. ތުލުސްދޫ އާއި، އދ. ދަނގެތީ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ޙުސްނީ އިބްރާހީމް، ފެހިގެ / އދ. ދަނގެތި އަދި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލި މުޙައްމަދު ޝުޢާއު، މއ. ނެވަރކޯން އެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެއީ ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށްވާ ސަނިއްޔާ ޔޫސުފް، ވަފާ، ށ. މަރޮށި އާއި ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް، އާމިނަތު ރީޝާން، ރިވެލި، ރ. އިންނަމާދޫ އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް، ރަޝީދާ އިސްމާޢީލް، ނެސްޓް، ގއ. ކަނޑުހުޅުދޫ އެވެ.

މީގެ ކުރިންވެސް ކައުންސިލް އިންތިޚާބަށް ކުރިމަތިލީ 22 ކެންޑިޑޭޓަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލި ހަތަރު ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.