English Edition
Dhivehi Edition

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސި އުސޫލު މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، މިދިޔަ މާޗް މަހުގެ ފަހުކޮޅު އެކޮނޮމިކް މިނިސްޓްރީން ވަނީ އެމްޕްލޮއިމަންޓް އެޕްރޫވަލް ހޯދައިގެން އަންނަ ބިދޭސީންނާއި ޗުއްޓީ އަށް ދިއުމަށް ފަހު ވަޒީފާ އަށް އެނބުރި ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ރާއްޖެ އެތެރެވެވޭނީ އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ހަމަޖައްސާފައެވެ. އަދި އެފަދަ ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެ ހުއްދަ ދެމުން އައީ އީމެއިލް މެދުވެރިކޮށެވެ.

އެހެންނަމަވެސް މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި ގުޅިގެން މިނިސްޓްރީން ކުރި އިއުލާންގައި ބުނީ ކޮވިޑް19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޮންމެހެން ރާއްޖެ އަންނަ ޖެހޭ ފަރާތްތަކުން ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖައްސާ، ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ.