English Edition
Dhivehi Edition

ލިޔުއްވީ: މުޙައްމަދު އަނިލް/ނޫރުލް އިސްލާމް:

މި ދުނިޔޭގެ ޙަޔާތް އިންސާނުން ވޭތުކުރަމުން ދާއިރު، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބައެއް ރޭތައް އެހެނިހެން ރޭތަކަށްވުރެ މާތް ކުރައްވާފައެވެ. އަދި ބައެއް ބިންތައް އެހެނިހެން ބިންތަކަށްވުރެ މާތްކުރައްވާފައެވެ. އަދި ބައެއް މިސްކިތްތައް އެހެނިހެން މިސްކިތަތަކަށްވުރެ މާތްކުރައްވާފައެވެ. އަދި ބައެއް ދުވަސްތައް އެހެނިހެން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވާފައިވެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހަމަ ކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިވެގެންވާ މަހަކީ ޛުލްޙިއްޖާ މަހެވެ. އަދި އެމަހުގެ ދުވަސްތަކުގެ ތެރެއިން އެއިލާހުގެ ޙަޟްރަތަށް އެންމެ ލޮބުވެތިކަން އެންމެ ބޮޑު ދުވަސްތަކަކީ އެމަހުގެ ފުރަތަމަ ދިހައެކެވެ. އެއީ އެ ދިހައެއް ގަންދެއްވައި، ކީރިތި ޤުރުއާނުގައި ﷲ ބަސްފުޅު ވަޙީކުރައްވަވާފައިވާ ދިހައެވެ. ﷲ އިރާދަކުރައްވާ އެއްޗެއް ގަންދެއްވައި ބަސްފުޅު ވަޙީކުރައްވަވައެވެ. އެހެންނަމަވެސް އެއިލާހު ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކުރުމަކީ އެއްވެސް މަޚުލޫޤަކަށް ހުއްދަ ކަމެއް ނޫނެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހައެއް ގަންދީ އެއިލާހު ވަޙީ ކުރެއްވެވި ބަސްފުޅުގައި ވަނީ ” وَالْفَجْرِ * وَلَيَالٍ عَشْرٍ “ މިފަދައިންނެވެ.

މިއާޔަތުގައި ބަޔާން ކުރެވިފައި މިވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއް ކަމަށް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު އާއި، މުޖާހިދު ރަޙިމަހުﷲ އާއި މުޤާތިލް (ރަޙިމަހުﷲ)، މި ތިންބޭފުޅުންވެސް ވިދާޅުވެފައިވެއެވެ. އަދި މިއީ މީގައި އެންމެ ޞައްޙަ ބަސްކަމަށް އިބްނުކަޘީރު ވިދާޅުވެފައިވެއެވެ.[ تفسير ابن كثير8/413 ]

ޙައްޖު މަހުގެ ފުރަތަމަ ދިހައަކީ ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަސްތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ” أَفْضَلُ أَيَّامِ الدُّنْيَا أَيَّامِ العَشْرِ “ [ رواه البزار وابن حبان وصححه الألباني في صحيح الجامع برقم 1144 ] ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަސްތަކަކީ (ޙައްޖުމަހުގެ ފުރަތަމަ) ދިހައެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ ، وَلاَ أَحَبّ إِلَى اللهِ العَمَل فِيْهِنَّ مِنْ أَيَّامِ الْعَشْرِ ، فَأَكْثِرُوا فِيْهِنَّ مِنْ التَّسْبِيْحِ ، وَالتَّحْمِيْدِ ، وَالتَّهْلِيْلِ ، وَالتَّكْبِيْرِ “ [ رواه أحمد والطبراني ] (ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ލޮބުވެތި، އަދި (މާތްކަން) ބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެ ދުވަސްތަކުގައި ތަސްބީޙަ ކިޔުމާއި، ޙަމްދު ޘަނާ ކިޔުމާއި، ތަހުލީލު ކިޔުމާއި، ތަކުބީރު ކިޔުން ގިނަ ކުރާށެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ މާތްކަން:

މިދުވަސްތައް ގަންދެއްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި ބަސްފުޅު ބަޔާން ކުރައްވާފައިވުން.

މިދުވަސްތަކުގައި ތަކުބީރު، ތަސްބީޙު، ތަހުލީލު ގިނަ ކުރުމަށާއި، ޙަމްދު ކުރުން ގިނަކުރުމަށް ﷲ އަމުރު ކުރައްވާފައިވުން.

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މިދިހައެއްގައި “އައްތަރުވިޔާ”ގެ ދުވަސް (ޙައްޖުމަހުގެ 8 ވަނަ ދުވަސް) ވާކަން . މި ދުވަހު ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށްޓަކައި އިޙްރާމްގައި މިނާއަށް ގޮސް މިނާގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ޖަމްޢު ކުރުމަކާ ނުލައި ޤަޞްރުކޮށް ކުރާނެއެވެ. އަދި 9 ވަނަދުވަހުގެ ފަތިސް ނަމާދުކޮށްފުމަށްދާންދެން މިނާގައި ތިބޭނެއެވެ. މިނާގައި 8ވަނަ ދުވަހުގެ ރޭ ރޭކުރުމަކީ ޙައްޖުގެ ސުއްނަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސުއްނަތް ދޫނުކޮށް އަދާ ކުރުމަކީ އެދެވިގެންވާކަމެކެވެ.

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މިދިހައެއްގައި ޢަރަފާތް ދުވަސް (ޙައްޖުމަހުގެ 9 ވަނަ ދުވަސް) ވާކަން . މިއީ ޙައްޖުގެ އެންމެ ބޮޑު ރުކުނެވެ. މި ރުކުން ނުލިބިއްޖެ ނަމަ ޙައްޖެއް ނުލިބޭނެއެވެ. ޙައްޖަކީ ޢަރަފާތެވެ. 9 ވަނަ ދުވަހު އިރުއެރުމުން މިނާއިން ޢަރަފާތަށްގޮސް، އެއް ބަންގިއާއި 2 ޤަމަތުން، މެންދުރާއި ޢަޞްރުނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރާނެއެވެ. އަދި އިރުއޮއްސެން ދެން ދުޢާކުރުމުގައި މަޝްޣޫލުވެއެވެ. އެއަށްފަހު އިރުއޮއްސުމުން މުޒްދަލިފާއަށް ދަތުރުކުރެއެވެ.

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މިދިހައެއްގައި ޢަރަފާތް ދުވަހުގެ ރޯދަވާކަން. އެއީ ޙައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުންނަށް ގަދަވެގެންވާ ސުއްނަތެކެވެ. އަދި ޙައްޖުވެރިންނަށް އެދެވިގެންވަނީ މިދުވަހު ރޯދަ ނުހިފުމަށެވެ. (މިރޯދައިގެ ވާހަކަ ވަކި ލިޔުމެއްގައި އިރާދަކުރެއްވިއްޔާ ބަޔާން ކުރެވޭނެއެވެ.)

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މިދިހައެއްގައި މުޒްދަލިފާގައި ރޭކުރުން ވާކަން. މިނާގައި ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޭ ރޭކުރުމަކީ ޙައްޖުގެ ވާޖިބެކެވެ.

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މިދިހައެއްގައި ޖަމްރާއަށް ހިލައުކުން ވާކަން.

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މި ދިހައެއް ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ މާތްވެގެންވާކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. މި ދުވަސްތަކުގައި ކުރާ ހެޔޮޢަމަލަށްވުރެ، އެހެން އެއްވެސް ދުވަސްތަކެއް އޭގައި ކުރާ ހެޔޮޢަމަލެއް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެނެއް ނުވެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުންވެސްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “وَلاَ الجِهَادُ فِيْ سَبِيْلِ اللهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمِالِهِ ثُمَّ لَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ “ [ رواه البخاري وغيره ] . ﷲ ގެ މަގުގައި ޖިހާދުކުރުންވެސް މެއެވެ. އެމީހާގެ ނަފްސާއި މުދަލާއި އެކީ ހަނގުރާމައަށް ނިކުމެ، އެއިން އެއްވެސް އެއްޗެއް އަނބުރާ ނައި މީހެއް ފިޔަވައެވެ. (އެބަހީ ޝަހީދުވުން ފިޔަވައެވެ.)

މިދިހައެއްގެ މާތްކަމުގެ ތެރޭގައި، މި ދިހައެއްގައި “އައްނަޙްރު” ގެ ދުވަސް ހިމެނޭކަން . މިއީ ﷲ އަށްޓަކައި ހަދްޔު ކަތިލެވޭ ދުވަހެވެ. އަދި މިދުވަހު އުޟްޙިޔާތައް ކަތިލެވޭނެއެވެ. އެތަކެތީގެ ލެއެއް އަދި އޭގެ މަހެއްވެސް ﷲ ގެ ޙަޟްރަތަކަށް ނުފޯރައެވެ. އެހެނެއްކަމަކު އެއިލާހު ބައްލަވާވޮޑިގެންވަނީ އަޅުންގެ ހިތުގައި ވާ ތަޤުވާވެރިކަމަށެވެ.

.