އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅި ހުށަހެޅުންތައް ބާތިލްކޮށްފި އެވެ.
އޭއީއެޗް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ ލޯގޯ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމާއި ގުޅިގެން ހުށަހަޅާފައިވާ ލޯގޯތަކުގެ ތެރޭގައި ހޮސްޕިޓަލްގެ ލޯގޯގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާ ފެންވަރުގެ ލޯގޯއެއް، އެއްވެސް ކެނޑިޑޭޓަކު ހުށަހަޅުއްވާފައި ނުވާތީ، އެޢިއުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ހުރިހާ ހުށަހެޅުންތައް ބާތިލްކުރެވިފައިވާ ކަމަށެވެ.
އަދި އެމުބާރާތުގައި ބައިވެރިވުމަށް ކެންޑިޑޭޓުން ހުށަހަޅާފައިވާ ލޯގޯއާއި އެއާއި ގުޅޭ އެހެނިހެން ޑޮކިއުމަންޓް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ހޮސްޕިޓަލަށް ވަޑައިގަތުމުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 09 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު އާންމު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލިއިރު، އެއްވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/10,000 ދިނުމަށްވެސް ނިންމި އެވެ.