English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގެ ނަރުދަމާގެ މައްސަލަ ހައްލުނުވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.

2016 ވަނަ އަހަރު ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ކުރުމަށް ލަންކާގެސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 285 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގެ ދަށުން ފުވައްމުލަކަށް ބޭނުންވާ ފެނުގެ ނިޒާމު ގާއިމުކުރުމާއި 500 ޓަނުގެ ތިން ފެން ޕްލާންޓް ބެހެއްޓުމާއި ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ ނެޓްވޯކް ގާއިމު ކުރުމާއި ސުވަރޭޖް ޓުރީޓްމަންޓު ޕްލާންޓެއް ބެހެއްޓިގެން ދިއުން ވަނީ ހިމެނިފައެވެ. މީގެއިތުރުން 110 ކިލޯ ވޯޓުގެ ސޯލާ ޕަވަ ސިސްޓަމެއް ގާއިމުކުރުމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

2016 ވަނަ އަހަރު ފެށި ނަރުދަމާގެ މަސައްކަތް 14 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އިފްތިތާހްކުރިއިރު އޭރު ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ރިޔާސީ އިންތިހާބާ ދިމާކޮށް އަވަސް އަރުވާލައިގެން އެއްކޮށް މަސައްކަތް ފުރިހަމަ ނުކޮށް ނިންމާލީކަމަށެވެ. އަވަސް އަރުވާލާފައި ނިންމާލި މަސައްކަތާއެކު ދެން އެކަން ބަލާނެ އިތުރު ބަޔަކު ނެތުމުން ނަރުދަމާގެ ސަބަބުން ލިބޭ ފަސޭހައަށް ވުރެން އެކަމުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުވެގެންދިޔައެވެ.

ފުވައްމުލަކުގެ ނަރުދަމާގެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާއިރު ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ފުވައްމުލަކު މީހަކު ބުނީ މިހާރު ގޭގައިވެސް ތިބެވޭ ވަރެއް ނޫންކަމަށެވެ.” ގޭތެރޭގައި ހުރި ޖަންގްޝަން ފުރި މުޅި ގޯތި ތެރޭގައި ނަޖިސް ފެން، މަގުމަތީގައި ހުންނަ ޖަންގްޝަން ފުރި މުޅި މަގުމަތީގައިވެސް ހުސް ނަޖިސްފެން. އަހަރެމެންނަށް ގޭގަތިބެވޭ ވަރެއް ނޫން. މުޅި ފެން އެއްކޮށް ތައައްޔަރުވެ ފެންފޮދެއް ބޭނުންކުރެވޭ ވަރެއް ނޫން.” އެމީހާ ބުންޏެވެ. އިތުރަށް އެމީހާ ބުނީ މިހާ ބަލި ބޮޑު ދުވަސްވަރެއްގައި މިކަން ހައްލު ނުވެ ދިގުދެމިގެންދާނަމަ ބަލިމަޑުކަމެއްގެ ފެތިރިދާނެކަމުގެ ބިރުވެސް ހީވެފައިވާ ކަމަށެވެ. “ފާއިތުވެ ދިޔަ 19 މަސް ދުވަހުގެ ތެރޭގައި މިއުޅެނީ މިހާލެއްގަ. މިކަމާ ޒިންމާ ވާނެ ބަޔަކުނެތް. ކުރީ ސަރުކާރުން ކުރި މަސައްކަތެއްވީމަ މި ސަރުކާރުން މިކަން ހައްލު ކޮށްދިނުމުގެ ބަދަލުގައި ހުސް ބަހަނާ މި ދައްކަނީ. މިއީތޯ ފުވައްމުލަކު މީހުންނަށް ހައްޤު މިންވަރަކީ؟” އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއް ވެފައިވާއިރު މި މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު ވަނީ ހާޒިރުކޮށްފައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީގެ މެންޑޭޓަށް ގެނައި ބަދަލާ އެކު ފެނާއި ނަރުދަމާގެ މަސައްކަތްތައް ބެލެހެއްޓުން ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް ފަށައި ނިމި ވަގުތީ ލައިސެންސް ދޫކުރި އިރު އޮތީ އެންވައިރުމެންޓް މިނިސްޓްރީގެ ދަށުގައި ނަމަވެސް ދާއިމީ ލައިސެންސްއަށް ދިޔައިރު އެ މަސައްކަތް ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށުގައި ކަމަށެވެ. އަދި އޭނާ މަގާމާ ހަވާލުވިއިރު އެމަސައްކަތް ވަނީ ނިމިފައި ކަމަށާއި ދެން އެކަންތައް ބަލަން ޖެހޭނީ ޕްލޭނިން މިނިސްޓްރީން ކަމަށްވެސް ޑރ. ހުސައިން ރަޝީދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދު ވިދާޅުވީ އެކަމާ ގުޅިގެން ރައްޔިތެއްގެ ފޯނު ކޯލެއް ނާންނަ ދުވަހެއް ނުދާކަމަށާއި ދުވަސްވީ ކަމެއްގައި އެކަމުގެ ސީރިއަސް ކަން މިނިސްޓްރީއަށް ވިސްނިފައި ނެތްކަމަށެވެ. ފުވައްމުލަކު ސިޓީގެ ނަރުދަމާގައި ސީރިއަސް މައްސަލަތަކެއް ހުރިކަން ފެނަކައިން ގަބޫލުކޮށް މިދިޔަ ޖޫންމަހުގެ 12 ވަނަ ދުވަހު ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުވަނީ އެކަމަށް ހަ މަސް ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.