English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ އިދާރާ - ފޮޓޯ: ގޫގުލް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓަކު ނިޔާވެފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު މެއި 01 ވީ ހުކުރު ދުވަހު ނިޔާވެފައިވާތީ، ހދ. ހަނިމާދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އެ ކެންޑިޑޭޓުގެ ނަން މިހާރުވަނީ އުނިކޮށްފައި ކަމަށެވެ.

އެގޮތުން ނިޔާވެފައި ވަނީ އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލި ޙުސްނުބާން ޢަބްދުއްރަޙްމާން، ފިޔާތޮށިގެ / ހދ. ހަނިމާދޫ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 11 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.