English Edition
Dhivehi Edition

އަންހެނަކާއި ފިރިހަނަކު ގާތް ރަހްމަތްތެރިން ނުވަތަ ބެސްޓް ފްރޭންޑުންގެ ގޮތުގައި ތިބުމަކީ ނުވާނެ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.އެހާ ގާތްކޮށް އުޅޭ ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކުގެ ހިތުގައި ހާއްސަ މަގާމާއް ދެވި، އެކަން ސިއްރުކޮށްފައި އޮވެދާނެ ކަމަށް ދެކޭ މީހުންވެސް ގިނައެވެ. ފަހަރެއްގައި މި ގަބޫލުކުރުންތަކަކީ ތެދު ހަގީގަތަކަށްވެސް ވެދާނެއެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކޮށް ދިރިއުޅުމުގެ ގިނަ ކަންތައްތައް ހިއްސާކުރުމަކީވެސް ލޯބިވެދާނެ ސަބަބެކެވެ. އެހެންނަމަވެސް ގިނަ މީހުންނަކީ ލޯބިވީ ނަމަވެސް ދެން ހުންނަ މީހާ ބުނެފާނެ އެއްޗަކަށް ނުވަތަ އެކުވެރިކަން ގެއްލިދާނެތީ ލޯބި ހުށަހަޅަން ނުކެރޭ މީހުންނެވެ.ހާއްސަކޮށް އަންހެނަކަށް ލޯބިވެވިއްޖެނަމަ އަމިއްލައަށް އިސްވެ ރައްޓެހިވާން އެހުމަކީ ދެރަކަމެއްކަމުގައި ނުވަތަ ލަދުވެތިކަމެއްކަމުގައި ދެކި އެކަން ކުރަން ފަސްޖެހޭ ފަހަރުވެސް އާދެއެވެ.

ދެމީހުން އެކުގައި އުޅޭ އިރު ފިރިހެންކުއްޖާ ތިމާ ދެކެ ލޯބިވާކަން ނުވަތަ ގަޔާވާކަން ޔަގީންކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. އެ ފިރިހެން ކުއްޖާގެ ހަރަކާތްތަކަށް ހާއްސަ ސަމާލުކަމެއްދީ ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތަކުގައި ކޮށްލާ ކުޑަކުޑަ ކަންކަމުންވެސް ލޯބިވާކަން ނުވަތަ ޝައުގުވެރިވާކަން ޔަގީންކޮށްލެވިދާނެއެވެ.

  • ކަމަކާއި ޝައުގުވެރިވެ މަސައްކަތްކުރަން ހުންނަ ވަގުތު ނުވަތަ އެހެން އެކުވެރިންނާއި ވާހަކަދައްކަން ހުންނަ ވަގުތު ހާއްސަ ނަޒަރަކުން ބަލުމަކީ އޭނާގެ ސަމާލުކަން ހޯދިފައިވާ ކަމުގެ ނިޝާނެކެވެ.
  • އެކުގައި ތަންތަނަށް ގޮސް އުޅޭނަމަ އަބަދުވެސް ކައިރީގައި ހުންނަން ބޭނުންވާނަމަ އެކަމުން ދޭހަކޮށްދެނީ އެހެން މީހަކު ތިމާއާއި މާ ކައިރިވުމުގެ ފުރުސަތު ދޭން އޭނާ ބޭނުން ނުވާކަމެވެ.
  • އަބަދުވެސް އަމިއްލައަށް އިސްނަގައިގެން ހުރިހާ އެކުވެރިންނާއެކު މަޖާކޮށްލުން ފަދަ ކަންތައްތައް ރާވަމުންދާނަމަ އެއީ ތިމާއާއި އެކު ވަގުތު ހޭދަކޮށްލުމަށްޓަކައި ހޯދާ މަގެއްކަމުގައި ގަބޫލުކުރާށެވެ.
  • ތިމާ ވާހަކަދައްކާއިރު އެކަމަކަށް ހާއްސަ ސަމާލުކަމެއްދީ އެ ވާހަކަތައް އަޑުއަހާ އެކަމަށް ވާހަކަދައްކާނެއެވެ. އަދި ތިމާގެ ދިރިއުޅުމުގެ ކަންތައްތަކާއި އާއިލާ މީހުންގެ ކަންތައްތައް ބެލުމަށް ޝައުގުވެރިވާނެއެވެ.
  • ތިމާއަށް އެންމެ ކަމުދަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލާ އެކަންތައްތައް ކުރުމަށް ހާއްސަ އިސްކަމެއް ދޭނެއެވެ. އަދި އަބަދުވެސް ކުރާ ކަންތައްތަކަށް ތައުރީފުކުރާނެއެވެ.
  • އަބަދުވެސް ބޭރުގައި އުޅުމަށްފަހު ސަލާމަތުން ގެއަށް ދެވުނުތޯ ޔަގީންކުރާނެއެވެ. ހާއްސަކޮށް ރޭގަނޑު ބޭރުގައި އުޅުމަށްފަހު ގެއަށް ދެވުނުތޯ ބެލުމަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ.
  • ދަތި ވަގުތު ތަކުގައި އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ކިތަންމެ ބޮޑު އުދަގުލެއް ނުވަތަ ދަތިތަކެއް ގިރާކުރުމަށްފަހުވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ތިމާ ހިތުގަ އަޅައިގެން އުޅޭ މީހާގެ ކިބައިން މިފަދަ ސިފަތައް ފެންނަ ނަމަ އަވަހަށް ލޯބި ހުށަހަޅާށެވެ. ހަމަ ޔަގީނުންވެސް ނޫނެކޭ ނުބުނާނެއެވެ.