English Edition
Dhivehi Edition

އިސްލާމްދީން ގަބޫލުކުރުމަކީ އަމިއްލަ ނިންމުމެއްކަމަށާއި އެ ނިންމުމާއި މެދު ފަހުރުވެރިވެ އުފާވާ ކަމަށް “ސަސުރާލް ސިމަރް ކާ” އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޓީވީ ތަރި ދިޕިކާ ކައްކަރް ބުނެފިއެވެ.

ދިޕިކާ އާއި ޓީވީ ތަރި ޝުއައިބް ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރު ފެބުރުއަރީ 22 ވަނަ ދުވަހު ބޯޕާލް ގަ އެވެ. ދިޕިކާ އިސްލާމް ވެފައި ވަނީ ކައިވެނީގެ ކުރިންނެވެ. އަދި އިސްލާމް ވުމަށް ފަހު، އޭނާގެ ނަން ފާއިޒާ އަށް ބަދަލުކޮށްފައިވާއިރު މި ކައިވެންޏަށް 02 އަހަރުވި އިރުވެސް ދީޕިކާ އިސްލާމްދީން ގަބޫލުކުރި ވާހަކައަކީ ގިނަ މީޑިއާތަކުގެ ސަމާލުކަން ހޯދާފައިވާ ވާހަކަތަކެކެވެ.

ދާދިފަހުން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައިވެސް އޭނާގެ ދީނާއި ބެހޭ ގޮތުން ސުވާލުކުރުމުން ދީޕިކާ ބުނީ އެއީ އޭނާގެ ޒާތީ ކަމެއްކަމަށާއި އެކަމާއި ގުޅޭ ގޮތުން އާއިލާ އާއި ފިރިމީހާ ފިޔަވައި އެހެން އެއްވެސް ބަޔަކާއި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އޭނާ ދީން ބަދަލުކުރި ނަމަވެސް އާއިލާއިން އެކަމަށް ތަރުހީބު ދީފައިވާ ކަމަށާއި އެކަމުގައި އާއިލާގެ އެއްވެސް ނުރުހުމެއް ނެތްކަމަށެވެ.

“އަހަރެން އިސްލާމްދީން ގަބޫލުކުރި ވާހަކައަކީ ތެދު ވާހަކައެއް. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އެ ވާހަކަދެއްކުމުގެ ބޭނުމެއް އޮތްހެނެއް. އެއީ އަހަރެންގެ ޒާތީ ކަމެއް. އެހެންކަމުން މީޑިއާގައި އެ ވާހަކަދައްކަންވީ ސަބަބެއް ނެތް. އަހަރެމެންނަކީ ފިލްމީ ތަރިން. އަހަރެމެންނާއި ދިމާވާ ހުރިހާ އުފާވެރިކަމެއް ބެލުންތެރިންނާއި ހިއްސާކުރަން. އެކަމަކު އަހަރެމެންގެ އަމިއްލަ ދިރިއުޅުމެއްވެސް އޮންނާނެ. އެކަންކަމާއި ބެހުމުގެ ހުއްދައެއް އަހަރެން އެއްވެސް މީހަކަށް ނުދެން. “ދީޕިކާ ބުނެފައިވެއެވެ.

މީގެ ކުރިން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައިވެސް ދިޕިކާ ބުނީ، އިސްލާމްވީ މީހަކު ބުނެގެން ނޫން ކަމަށާއި އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށް ކަމަށެވެ.އަދި ދީޕިކާގެ ނަން ބަދަލުކުރުމާއި ގުޅިގެން އެކަމާއި ސުވާލުކުރުމުން އޭނާ ބުނީ އެއީ އަމިއްލަ ދިރިއުޅުމާއި ގުޅިފައިވާ ކަމެއްކަމަށާއި އަބަދުވެސް އޭނާއަކީ ބެލުންތެރިންގެ ދީޕިކާ ކަމުގައެވެ.“އަހަރެންގެ ނަން ބަދަލުކުރުމުގެ ފަހަތުގައިވާ ސިއްރުތައް އަހަރެންނާއި ފިރިމީހާ އަދި ގާތް ތިމާގެ މީހުންނަށް އެގޭނެ. އަހަރެން ބޭނުމެއް ނޫން އެކަންތައްތައް އެންމެންނާ ހިއްސާކުރާކަށް” ދީޕކާ ބުނެފައިވެއެވެ.

“ސަސުރާލް ސިމަރްކާ” ފެށުނީއްސުރެ ދީޕިކާ އާއި ޝުއައިބު އަކީ ގާތް ދެ އެކުވެރިންނެވެ. ނަމަވެސް ދެ މީހުންގެ މެދުގައި އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއް އޮތްކަން ޔަގީންކުރެވުނީ 2013 ގައި ޝުއައިބު އެ ސިލްސިލާއިން ވަކިވުމުން ކަމަށް ދީޕިކާވަނީ ބުނެފައެވެ.

ޓީވީ އިންޑަސްޓްރީއަށް ވަނުމުގެ ވެސް ކުރިން ވެސް ދީޕިކާ ވަނީ ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް ކައިވެންޏަށް ތިން އަހަރު ފުރުނު ފަހުން 2015ގެ ޖެނުއަރީ މަހު ދީޕިކާ ވަނީ އޭނާގެ ފިރިމީހާ ކައިރިން ވަރިވެފަ އެވެ. ދީޕިކާ ވަރިވީ ޝުއައިބުއާ ހެދި ކަމަށް ބުނެ އޭރުވެސް ގިނަ ބަޔަކު ތަފާތު ވާހަކަތައް ދެއްކި ނަމަވެސް ދީޕިކާ އެ ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ޝުއައިބުއާ ލޯބީގެ ގޮތުން ގުޅުނީ ވަރިވި ފަހުން ކަމަށެވެ.