English Edition
Dhivehi Edition
ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިވެހި އަންހެނެއް ކަމަށާއި، އޭނާ މަރުވެފައި ވަނީ ރޭ މެންދަރު 01:52 ގައި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ ހަ ދިވެހިންނާއި ފަސް ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 2،435 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 863 ދިވެހިންނާއި 1،572 ބިދޭސީންނެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 389 މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2،030 މީހުން ވަނީ ރަނގަޅުވެފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 55،245 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 112 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 269 މީހުންނެވެ.