English Edition
Dhivehi Edition
އައިޖީއެމްއެޗްގެ ދޮރުމަތީ ބަޔަކު މަޑުކޮށްލައިގެން/ފޮޓޯ ސޯޝަލްމީޑިއާ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗް ގެއައިސީޔޫ ބަންދުކޮށް އެތަނުން ދެމުން އައި ޚިދުމަތް ހޮސްޕިޓަލުގެ އެހެން ތަނެއްގައި ދޭން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި 39 އަހަރުގެ އިންޑޮނޭޝިއާ ޕޭޝަންޓް ، ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާގުޅިގެން އައިސީޔޫގައި އޭރުތިބި ހުރިހާ ޕޭޝަންޓުންނާއި އައިސީޔޫއިން އެހެން ވޯޑަކަށް ބަދަލުކުރި ޕޭޝަންޓެއް ކޮވިޑް 19 އަށް ޓެސްޓު ކޮށްފައިވާކަމަށެވެ.

މިއެންމެންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 2 މީހެކެވެ.

މީގެ އިތުރުން އައިސީޔޫއާއި އޮޕަރޭޝަން ތިއޭޓަރުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކޮންޓެކްޓް ޓްރޭސިންގ އިން ފާހަގަ ވި އެހެން މުވައްޒަފުން އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ޓެސްޓް ކުރުމުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު މިހާތަނަށް މިބައްޔަށް 4 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ބައްޔަށް ޕޮޒިޓިވް ވި ޕޭޝަންޓުން މިހާރު ޑީއެޗް 11 އަށް ބަދަލު ކުރެވިފައިވާއިރު މިފަރާތްތަކުގެ ޙާލު ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިސީޔޫގައި މިވަގުތު ކޮވިޑް 19 އަށް ޕޮޒިޓިވް ޕޭޝަންޓެއް ނެތްނަމަވެސް ރައްކާތެރި ވުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް އިތުރު ޕޭޝަންޓުން އައިސީޔޫއަށް ވެއްދުން މަޑުޖައްސާލައި އައިސީޔޫއިން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް ހޮސްޕިޓަލުގެ އެހެންތަނެއްގައިވަނީ ހަމަޖައްސާފައެވެ.

އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ޕޭޝަންޓުން ކޮވިޑް 19 އަށް ޓެސްޓް ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ހުރިހާ ޕޭޝަންޓުންވެސް ކޮވިޑް 19 އަށް ޓެސްޓް ކުރާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ޕޭޝަންޓެއްގެ ފުރާނަ ސަލާމަތްކުރަންޖެހޭފަދަ ނުވަތަ އެނޫންވެސް ބޮޑު އިމަޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ ކޮވިޑް 19 ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް ދޭން ޖެހޭ ފަރުވާ، ރައްކާތެރިކަމުގެ ފިޔަވަޅާއެކު ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

އަދި މިކަމުގައި އިތުރަށް ބަލާ އިސްލާޙު ކުރަންޖެހޭ އެއްވެސް ކަމެއް އޮތްނަމަ އެކަމެއް އިސްލާޙު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި ހޮސްޕިޓަލުގައި ޕޭޝަންޓެއް އެޑްމިޓް ކުރާއިރުއާއި އޭގެ ފަހުންވެސް އެކި މަރްޙަލާތަކުގައި ކޮވިޑް 19 އަށް ޓެސްޓް ކުރިނަމަވެސް މާލެތެރޭގައި އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުންނާއި ހޮސްޕިޓަލްތެރެއަށް އެހީތެރިންނާއި އެހެނިހެން ފަރާތްތައް ވެސް ކޮންމެވެސް ވަރަކަށް ވަދެ ނުކުމެ ހަދަންޖެހޭތީ މިބަލީގެ ޒާތުން ފުރަތަމަ ހަދާ ޓެސްޓުން ޕޭޝަންޓް ނެގެޓިވް ވި ނަމަވެސް ފަހުންވެސް ބައްޔަށް ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތްކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ފުރުސަތު ކުޑަކުރުމަށްޓަކައި ހޮސްޕިޓަލުން ކުރާ މަސައްކަތުގައި ޕޭޝަންޓުންނަށް ޒިޔާރަތް ކުރުމާއި އެނޫންކަންކަމުގައިވެސް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކޮށް ޢާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އެދިފައި ވާއިރު

މިފަދަ ކަންކަމުގައި މިހާތަނަށް ވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒަފުން މިނާޒުކު ދަނޑިވަޅުގައި ކުރަމުންގެންދާ ބުރަ މަސައްކަތް

ތަކުގެ އަގު ވަޒަން ކުރާ ކަންވެސް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.