English Edition
Dhivehi Edition

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އެމްޑީޕީގެ މެޖޯރިޓީ ހޯދާފައިވާ ކައުންސިލްތަކުން ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރައްވަވާ ކަންތައްތަކުގައި އެހީވިޔަސް ނުވިޔަސް ރާއްޖޭގެ އެކިހިސާބުތަކަށް ތަރައްޤީ ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕީއެމް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ކައުންސިލަރުން އެހީވިޔަސް ނުވިޔަސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ތަރައްޤީ ގެންނަވާނެކަމަށެވެ. މީގެކުރިން ރަށްރަށުގެ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ހޯދައިގެން ކުރި ކަމަކީ ކޮބައިތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އަދި ޕީޕީއެމަކީ ވެރިކަން ހޯދަން މަސައްކަތް ކުރާ ޕާޓީއެއް ނޫންކަމަށާއި، އެޕާޓީއަކީ ރައްޔިތުންނަށް ދިމާވެފައިހުރި ބިރުވެރި ކަންކަމުން ސަލާމަތްކޮށް ދިނުމަށް ނުކުތް ޕާޓީއެއް ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ދިރާސާކުރެއްވުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ރައީސްވަނީ ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ، އެމްޑީޕީ މެޖޯރިޓީ ކައުންސިލްތަކުން ސަރުކާރުގެ އެކި ތަރައްޤީގެ މަޝްރޫއުތަކަށް ދަތިކުރާކަމަށާ، ނަމަވެސް މިސަރުކާރަކީ ދިވެހި ދައުލަތުގެ ސިޔާދަތު ފުރިހަމައަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށާއި، ރާއްޖޭގެ ކޮންމެ އަކަފޫޓެއްގެ މައްޗަށް ހިންގާނެ ސަރުކާރެއް ކަމަށްވާތީ ތަރައްޤީ ގެންނަވާކަމަށެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ފިލާވަޅުތަކެއް ނަގަންޖެހޭކަމަށެވެ. “މިއިންތިޚާބުގައި ވޯޓުލުމަށް ނުކުތީ މަދު ޢަދަދެއްގެ ބަޔެއް. މާލެ އިން ވޯޓުލެވޭ ކޮންމެ 10 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ އެންމެ ތިން މީހުން. ރަށްރަށުގައި ތިބެގެން ރައްޔިތުންގެ ބާރުވެރިކަން ދެއްކުމަށްޓަކައި ބަޔަކު ހޮވާއިރު ވޯޓުލާން ނިކުން މީހުންގެ ޢަދަދަށް ސަމާލުކަންދޭންޖެހޭ” ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ނިޒާމްގެ ތެރެއިން ރީތި އުސޫލްތަކުގެ މައްޗަށް ވެރިކަން ހިންގޭ ސަރުކާރަކީ މިސަރުކާރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނިމިދިޔަ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ މިނިވަން އިންސާފުވެރި އިންތިޚާބުކަމަށް ބޭރުގެ ފަރާތްތަކުންވެސް ޤަބޫލްކުރާކަމަށް ރައީސް ވިދާޅުވިއެވެ.