English Edition
Dhivehi Edition
އެމްއެންޑީއެފްގެ މެޑިކަލް ކޯޕްސްގެ މުވައްޒަފުންނާއި ޑޮކްޓަރުން ބިދޭސީންގެ ޞިއްޙީ ޙާލަތު ހުރި ގޮތް ބެލުމަށް ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއިން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 03 ދިވެހިންނާއި، 17 ބަންގްލަދޭޝްގެ މީހުންގެ އިތުރުން ސްރީ ލަންކާގެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 24 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،382 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1،243 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 51،576 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 134 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 284 މީހުންނެވެ.