English Edition
Dhivehi Edition
ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އަތުން ބޯޅަ ހޯދަން ޖެނޯއާގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ޔުވެންޓަސް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި 3-1 އިން ޖެނޯއާ ބަލިކޮށް ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން ލީޑު ދަމަހައްޓައިފިއެވެ.

ޔުވެންޓަސް އެއްވަނައިގައި އޮތީ 29 މެޗުން 72 ޕޮއިންޓާ އެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލާޒިއޯ އެވެ. ތިންވަނައިގައި 29 މެޗުން 61 ޕޮއިންޓާ އެކު އިންޓަ މިލާން އޮތްއިރު، ހަތަރުވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

ޖެނޯއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ގޯލެއް ކާމިޔާބުކުރެވޭތޯ ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރީ އެ ޓީމަށް ކުރީން ކުޅު ގޯލްކީޕަރު މަޓިއާ ޕެރިން އެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ޖެނޯއާގެ ކީޕަރު ޕެރިން މަތަކުރިއެވެ.

އެހެންނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ޕައޮލޯ ޑިބާލާ ވަނީ ޖެނޯއާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކާމިޔާބުކުރި ރީތި ސޯލޯ ގޯލަކުން ޔުވެންޓަސް އަށް ލީޑްނަގައިދީފައެވެ. އޭގެ ހަ މިނެޓުފަހުން، ރޮނާލްޑޯ ވަނީ ޕެނަލްޓީއޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ލީގުގައި ރޮނާލްޑޯ ޖެހި 24 ވަނަ ގޯލެވެ.

ޔުވެންޓަސްގެ ފަހު ލަނޑު، މެޗުގެ 73 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގާ ޑަގްލަސް ކޮސްޓާ ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓުފަހުން ޖެނޯއާގެ އަންދްރެއާ ޕިނަމޮންޓީ ވަރަށް ހަނިއޭންގަލަކުން ވައްދާލި ގޯލުން ފަރަގުކުޑަކުރިއެވެ.

ލީގުގައި މިރޭ ކުޅޭ ބައެއް މެޗުތަކަށް ބަލައިލާއިރު، އަމިއްލަ ދަނޑުގައި ބްރެޝިއާއާ ދެކޮޅަށް އިންޓަ ނިކުންނައިރު ބޮލޯނިއާ ނިކުންނާނީ ކަލިއާރީއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ފަށާނީ ރާއްޖޭ ގަޑިން މިރޭ 22:30 ގައެވެ. ސްޕަލްއާ ދެކޮޅަށް ރަށުން ބޭރުގައި އޭސީ މިލާން ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 00:45 ގައެވެ.