English Edition
Dhivehi Edition
ބީއެމްއެލް އިން މާލޭގައި ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްއެއް - ފޮޓޯ: ސަން

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރައި ކަސްޓަމަރުންނަށް ދަތިވެއްޖެ އެވެ.

އެގޮތުން މިރޭ ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނެގުމުގައި ދަތިތައް ދިމާވެފައިވާއިރު، ޕޮސް މެޝިނުން ފައިސާ ދެއްކުމާއި އިންޓަނެޓް އަދި މޯބައިލް ބޭންކިންގގެ ޚިދުމަތްތައްވެސް ވަނީ މެދުކެނޑިފަ އެވެ.

މިކަމާއި ގުޅިގެން ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ބޭންކްގެ އޭޓީއެމް ވިއުގައާއި، އިންޓަނެޓް ބޭންކިންގ އަދި ޕޮސް ޓާމިނަލްތަކާއި ޕޭމަންޓް ގޭޓްވޭ ޚިދުމަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށްޓަކައި ބޭންކުން ވަނީ މަޢާފަށްވެސް އެދިފަ އެވެ.

ބީއެމްއެލް އިން މިހެން ބުނެފައިވާއިރު، މިރޭ އައްޑޫ ސިޓީގެވެސް އެއްވެސް ފިހާރައަކަށް ކާޑުން ފައިސާ ނުދެއްކެއެވެ. އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށްވެސް ފައިސާ ދެއްކޭ ގޮތް ވެފައި ނުވާއިރު، އޭޓީއެމްތަކުންވެސް ފައިސާ ނެގުމުގައި ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފަ އެވެ.