English Edition
Dhivehi Edition
ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ އާއި ލޮޖިސްޓިކްސް މަސައްކަތާއި ގުޅިގެން ފުލުހުންނާއެކު އީސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން، މިއަދާއި ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓެކެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލީ ޙަސަންނާފިޢު، ދެތަޑިމާގެ / އއ. ބޮޑުފޮޅުދޫ އާއި ނ. މާޅެންދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލީ މުޙައްމަދު ރަޝީދު، ރިސާދު / ނ.މާޅެންދޫ އެވެ.

މީގެ އިތުރުން ނަން އަނބުރާ ގެންދިޔަ ޕީޕީއެމްގެ ކެންޑިޑޭޓަކީ މަރޮށީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލީ ނަސްފާ މުޙައްމަދު ސަޢީދު، ދުންފިނިގެ / ށ.މަރޮށި އެވެ.

އަދި އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ މާވަށު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލީ ޢަބްދުލްމަޖީދު މާހިރު، އެންދެރިމާގެ / ލ.މާވަށް އާއި ގއ. ކޮނޑޭ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލީ ފާޠިމަތު ސާއިގާ ޚާލިދު، ދޯދި / ގއ. ކޮނޑޭ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.