English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީޢެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި، ފުރިހަމަ ތަޙުޤީޤެއް ހިންގައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖޫން 25 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީޢެއްގައި ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ޖޫން 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ވަގުތު ހުޅުމާލެ ލަކުޑި ޖެޓީ ސަރަޙައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.

“އެގޮތުން، އެ ސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން އެ އަންހެން މީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ 2020 ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ 2 މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުްނގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީ ކަމަށް”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ ކަމަށާއި، އެ މައްސަލައިގައި އަނިޔާ ލިބުނު މީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

“މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ 2 މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތުތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ނުފެންނާތީ”، ފުލުހުން ބުނެފައި ވެއެވެ.

“މި މައްސަލައިގެ ތަޙުޤީޤު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއް ކަމުގައި ބުނެފައިވޭ. އަދި މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވާނެ ކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ޙަޤީޤަތަކާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މަޢުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އެދިފައިވޭ”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަނިޔާ ލިބުނު ފަރާތަށް ވިކްޓިމް ސަޕޯޓް ޑިޕާޓޤމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ދެ ފިރިހެނުން، ކުށުގެ ވެށިން ހައްޔަރު ކުރުމަށްފަހު ފުލުހުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަކީ ރާއްޖޭގައި ވަރަށް “ނުފޫޒު ގަދަ” ބައެއް ކަމަށް ބުނެ، އެ މައްސަލަ ނުބެލުމަށް ފުލުހުންގެ އިސްވެރިން އަންގާފައިވާ ކަމަށްވެސް ތުހުމަތު ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން ފުލުހުންނަށް ދަނީ ބޮޑެތި ފާޑުކިޔުންތަކާއި އާންމުންގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވަމުންނެވެ.