English Edition
Dhivehi Edition
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެގުނަ ސޯލްޝެއާ. --ފޮޓޯ: އޭޕީ

30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ލިވަޕޫލުން ލީގު ހޯދުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، މިކަމުން މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން އިބްރަތް ލިބިގަނެ އިތުރު ކާމިޔާބީތައް ހޯދުމަށް އަޒުމްކަނޑައަޅަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އޮލެގުނަ ސޯލްޝެއާ ބުނެފިއެވެ.

ލިވަޕޫލަށް ލީގު ކަށަވަރުވީ، ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވުމުންނެވެ. މިއާއެކު، ލީގުގައި މިހާތަނަށް ކުޅުނު 31 މެޗަށްފަހު ލިވަޕޫލަށް 86 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 23 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ސިޓީ އަށް ކުރިއެރުމުގެ ފުރުޞަތު ގެއްލުމުންނެވެ.

“ޗެމްޕިއަންޝިޕްގެ އިތުރުން ޕްރިމިއާ ލީގު ކާމިޔާބުކުރާ ކޮންމެ ޓީމަކަށް ވެސް އެއީ ހައްގު ކާމިޔާބީއެއް. ލީގު ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫ ކަމެއް.”

“ކްލޮޕްއާ ލިވަޕޫލްގެ ކުޅުންތެރިންނަށް މަރުހަބާ.” ޒޫމް މެދުވެރިކޮށް ބޭއްވި ނޫސް ކޮންފަރެންސްގައި ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ އިތުރަށް ބުނީ އަމިއްލަ ޓީމު ފިޔަވައި އެހެން ޓީމަކުން ލީގު ކާމިޔާބުކުރާ މަންޒަރު ބެލުމަކީ ވަރަށް ހިތަށް ތަދުވާ ކަމެއް ކަމަށާއި، އެކަމަކީ ޔުނައިޓެޑާ ގުޅުންހުރި ކުޅުންތެރިއަކަށް ވިޔަސް ނުވަތަ ސަޕޯޓަރެއްގެ އިތުރުން އެހެން ފަރާތަކަށް ވިޔަސް ގަބޫލުކުރަން ދަތި އިހްސާސްތަކެއް ކުރެވޭ ވަގުތުކޮޅެއް ކަމަށެވެ.

“އަމިއްލަ ޓީމު ފިޔަވައި އެހެން ޓީމަކުން ލީގު ކާމިޔާބުކުރާ މަންޒަރު ބަލާކަށް ކެތެއްނުކުރެވޭނެ. މިއީ ޔުނައިޓެޑާ ގުޅުންހުރި އެންމެންގެ ވެސް ހާލު.” ސޯލްޝެއާ ބުންޏެވެ.

އިނގިރޭސި ގަދަ ބާރެއްގެ ގޮތުގައި 1990ގެ އަހަރު ތަކުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ޔުނައިޓެޑަށް އެންމެފަހުން ލީގު ތަށި އުފުލާލެވުނީ 2013 ވަނަ އަހަރު އެވެ. އެހެންނަމަވެސް، ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރީ 18 މަސްދުވަހުގެ ތެރޭގައި އުއްމީދީ ކަންތައްތަކެއް ފެންނަމުންދާ ކަމަށާއި، އެގޮތުން ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައެއްނުވެއެވެ.

ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަންނަ ސީޒަނަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ކަށަވަރުކުރުން ކަމަށާއި، އެހެންކަމުން ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަކީ ޗެލެންޖެއް ނަމަވެސް ހާސިލްކުރެވޭނެ ލަނޑުދަނޑިއެއް ކަމަށެވެ. އަދި ލީގު ނުލިބި ހޭދަވާ މުއްދަތު އިތުރުވިޔަ ނުދީ ވީހާވެސް އަވަހަކަށް އެ މުބާރާތް ކާމިޔާބުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ސޯލްޝެއާ ބުންޏެވެ.