English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު، 2020 ޖޫން 23 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު” އިން ކަމަށާއި، އެ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

އަދި ފޯމު ހުށަހަޅާނީ [email protected] މެދުވެރިކޮށް ކަމަށާއި، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ދުވަސްތަކުގައި ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.