English Edition
Dhivehi Edition
ރޭޕްގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އުނައިސް - ފޮޓޯ: ޕޮލިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާ ކަމަށް ބުނެ، ބަންދުން ދޫކޮށްލަން ޖެހުނު މީހާ ހައްޔަރުކޮށް، އޭނާގެ މަޢުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައާ ގުޅިގެން މެއި 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު (25އ) ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އުނައިސް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، އެ މައްސަލަ އަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، އެފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ކަނޑައަޅައި، އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައެވެ.

އެހެންނަމަވެސް އޭނާ އަލުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި އެޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ޤަބޫލުކުރެވި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި ޝަރީޢަތް ނިމެންދެން އުނައިސް، ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްޤީޤް ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުވާ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށާއި، ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.