English Edition
Dhivehi Edition

ރާއްޖޭގެ އިގްތިސާދު ބަރޯސާ ވެފައި އޮތީ ޓޫރިޒަމަށްކަމަށާއ ޓޫރިޒަމްގެ ރެވެނިއު އޮތީ ސުމެއްގައި ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މއިަދުގެ ޕްރެސް ބްރީފިންގ ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް މިހާރު ޓޫރިސްޓުން ނާންނާތީ އެއިން ލިބެން އޮތް އާމްދަނީއެއް ނުލިބޭނެކަމަށެވެ.

“އަޅުގަނޑުގެ އަމާޒަކީ މި އަހަރު އިތުރަށް ފަސް ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށް. މިހާރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މި އުޅެނީ ތިން ލައްކަ ކޮންމެވެސް ވަރެއްގައި. އަހަރުގެ ފަހުކޮޅު ޓޫރިޒަމް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް އަންދާޒާ ކުރެވޭ. އެކަމަކު އޭގެ ރެވެނިއު ލިބެން ފަށާނީ އަންނަ އަހަރު ނުވަތަ އަހަރުގެ ފަހުކޮޅު.” ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާލާއިރު މި ހުޅުވާލަނީ ހުރިހާ ގައުމަކަށް ކަމަށާއި އެކަމަކު ބައެއް ގައުމުތަކުގައި އެ ގައުމުތަކުގެ އުސޫލުތަކެއް އުޅޭކަމަށް ރައީސް ވިދާޅުވިއެވެ.

“މިސާލަކަށް ޗައިނާ. ޗައިނާ އިން ވަނީ ރާއްޖެ އަށް މީހުން ފޮނުވާނެ ކަމަށް ބުނެފައި. އެކަމަކު އެ މީހުންގެ އަތުގައި އޮންނަން ޖެހޭ 4 ދުވަހުގެ ޕީސީއާރު ޓެސްޓެއް އެ މީހުން ފުރާއިރު. އެގޮތަށްް އެ ހިދުމަތް އަޅުގަނޑުމެން ދޭނަން. ދުވާލަކު 1000 ޓެސްޓް ހެދޭ ވަރުގެ ކެޕޭސިޓީއެއް އަޅުގަނޑުމެން އެއާޕޯޓްގައި ގާއިމް ކުރާނަން.”

ރައީސް ވިދާޅުވީ ޓޫރިޒަމް އަލުންް ފަށާއިރު ދިވެހިންނަށް އިސްކަން ދިނުމާ މެދު އެ ދާއިރާގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަލުން ފަށާއިރު ދިވެހިންނަށް އިސްކަން ދޭނެކަމަށެވެ. އަދި އޭގެ ތައްޔާރީތައް ވެސް ވަމުން އެބަ ގެންދަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.