English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން ހަ މަސް ދުވަސް ގެއްލިއްޖެކަމަށާއި އޭގެ ސަބަބުން ވެފައިވާ ވައުދުތައް ފުއްދުމަށް ޓަކައި ތަރުތީބަށް ވަނީ ބަދަލުތައް ގެންނަން ޖެހިފައިކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިސަރުކާރުން ވެފައިވާ އެންމެ މުހިންމު ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ހަމަޖެއްސުންކަމަށާއި މި ފަސް އަހަރުގެ ދައުރުގައި އިރާދަކުރެއްވިއްޔާ އެކަން ނިމޭނެކަމަށެވެ.

“އެންމެ މުހިންމު ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން. އެކަން ކުރެވޭނެ. 1،700 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށިގެން ދާނެ. އަދި އިތުރު 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ފެށޭނެ. އަދި 3،000 ހައުސިން ޔުނިޓް ކުރިއަށް ގެންދިއުމުގެ މަޝްވަރާ ކުރަމުން މިދަނީ. މި ހުރިހާ ޕްރޮޖެކްޓެއް 2022 ގެ މެދު ތެރޭގައި ނިންމޭނެ ކަމަށް ލަފާ ކުރެވޭ. ވެލާނާ އެއާޕޯޓުގެ ރަންވޭ 2021 ވަނަ އަހަރުގެ މެދު ތެރޭގައި އަދި އެއާޕޯޓު ޓާމިނަލް ވެސް އެ މުއްދަތުގައި ނިމޭނެ.” ރައީސް ވިދާޅުވިއެވެ،

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަޖެޓުގައި 1،006 ޕްރޮޖެކްޓް ހިމަނާފައިވާނެ ކަމަށާއި އެތަނުން 291 ޕްރޮޖެކްޓް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓު ތަރައްގީކޮށް، މާލެ ގުޅިފަޅުގެ މަޝްރޫއު ކުރިއަށް އެބަދާ ކަމަށާއި އޭގެ އިތުރުން ފެށިފައި ހުރި މަސައްކަތްތައް މަޑުނުޖެހި ކުރިއަށް އެބަދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.