English Edition
Dhivehi Edition
މާލޭ އިންޑަސްޓްރިއަލް ވިލެޖް - ފޮޓޯ: ޢަލީ ޔާމީން (ޖަޒީރާ ނިއުސް)

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުރި ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާލޭގެ ހުޅަނގު ފަރާތުން ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދު އެ ކައުންސިލާއި ވެމްކޯ ގުޅިގެން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެސަރަޙައްދުގައި ޕާރކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް ޖޫން 18 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް ކައުންސިލުން ވަނީ އަންގައިފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި އެ ސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މި މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އުކާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި މިހާރުވެސް 449 އުޅަނދެއް ޕާކްކޮށްފައި އެބަހުއްޓެވެ.