English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - ފޮޓޯ: ދި އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަކުރެވިފައިވާ 29 މުވައްޒަފަކު އެކަހެރިވާން އަންގައިފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލީހުގެ މުވައްޒަފެއް ޕޮޒިޓިވްވުމާއި ގުޅިގެން އެ އިދާރާގެ 29 މުވައްޒަފަކު އެކަހެރި ކޮށްފައިވާ ކަމަށާއި، އެމީހާގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި 11 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން ރޭ އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ މެއިންޓަނަންސް ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

“މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށިއިރުވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލާ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެޅިފައި. އަދި ރޯގާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒެއް”، އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ކޮވިޑް-19 އާ ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިއުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ފާހަގަކުރައްވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ފުރަބަންދުކުރުމާއި ގުޅިގެން މާރިޗް 31 އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިން ކޮށް ކުރިއަށް ގެންގޮސްފައިވާއިރު، މަޖިލީހުގެ އިދާރީ މުއައްޒަފުންވެސް މަސައްކަތްކޮށްފައިވަނީ ގޭގައި ތިބެގެންނެވެ. މިދިޔަ ހަފްތާގައި އެ އިދާރާގެ މުއައްޒަފުން ވަޒީފާއަށް ނެރެފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެހެންނަމަވެސް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއި ގުޅިގެން މި ހަފްތާގައި މަޖިލީހުގެ ހުރިހާ މުއައްޒަފުން ވަނީ ވަޒީފާއަށް ނިކުމެފައެެވެ.