English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު 19:00 އިން 22:00 އާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުގަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.

އަދި އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު 20:30 އިން 01:00 އާއި ހަމައަށް، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށްވެސް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މޭތް އޮފީހުން ބުނީ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.