English Edition
Dhivehi Edition

އިންޑިއާގެ ޓީވީ އެކްޓްރެސް އަދި “ދިޔާ އޯރ ބާތީ ހަމް” އިން މަޝްހޫރުކަން ހޯދި ދީޕިކާ ސިންގގެ މަންމަ ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު އެހީއަށް އެދި އިންސްޓަގްރާމް މެދުވެރިކޮށް އިންޑިއާގެ ރައީސަށް އަދި ޗީފް މިނިސްޓަރަށް އާދޭސްކޮށްފިއެވެ.

ދީޕިކާގެ އަސަރުގަދަ އާދޭހުގައި ބުނެފައިވަނީ، މަންމަ އާއި ބައްޕަ ދިރިއުޅެނީ ދިއްލީގައި ކަމަށެވެ. އަދި މަންމަ ދިރިއުޅޭ ގޭގައި ބޮޑު އާއިލާއެއް އުޅޭ ކަމަށާއި އެ އާއިލާގައި 45 ވަރަކަށް މީހުން ދިރިއުޅޭ ކަމަށެވެ.

“މަންމަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ލޭޑީ ހާޑިންގް ހޮސްޕިޓަލުން ހެދި ޓެސްޓަކުން. މަންމަގެ ރިޕޯޓް ދޭން ބައްޕަ އެދުމުން ހޮސްޕިޓަލުން ބުނެފައިވަނީ ލިބޭނީ ހަމަ އެކަނި ރިޕޯޓްގެ ފޮޓޯއެއް ކަމަށް. ސަރުކާރު ހޮސްޕިޓަލަކުން މަންމަގެ ޓެސްޓް ހަދާފައި ވަނީ. ރިޕޯރޓްގެ އަސްލު ލިބުމުން ނޫނީ މަންމަ އެޑްމިޓް ކުރެވޭނެ ގޮތެއް ނެތް. އަހަރެން ދިއްލީގެ ހުރިހާ ހޮސްޕިޓަލްތަކަށް މަންމަ އެޑްމިޓް ކުރުވަން ގުޅައިފިން. ހުރިހާ ހޮސްޕިޓަލަކުން ބުނީ އެނދުތައް ހުރީ ފުލްވެފައި ކަމަށް. އަދި އެމީހުން ބުނީ މަންމަ ގޭގައި ބަހައްޓައިގެން ފަރުވާ ދިނުމަށް. ދޭންވީ ކޮން ފަރުވާއެއް ކަމެއް ނޭނގޭ. އަދި މަންމަ ވަރަށް ގަދައަށް ހުން އާދޭ އެބަ. އަހަރެންގެ މާމައަށްވެސް މިހާރު ނޭވާލާން އުނދަގޫތަކެއް އެބަވޭ. އެގޭގައި ތިބި ހުރިހާ މީހުން ޓެސްޓުކުރަންވެސް ޖެހޭ. މަންމަ އަކީ ގެއިން ނިކުމެގެން ތަންތަނަށް ދާ މީހެއް ނޫން. މަންމަ އަށް ކޮވިޑް ޖެހުނު ގޮތެއްވެސް ނޭނގޭ. މަންމަ އަށް އެއްވެސް އެއްޗެއް ނުކެވޭ ވަރަށް ހާލުދެރަ. އަހަރެން އާދޭސްކުރަން ސަރުކާރުން މަންމަ އާއި މުޅި އެއާއިލާ އަށް އެހީތެރިވުމަށް. އަހަރެންގެ ތުއްތު ކުއްޖަކު އޮތުމާއި އެކު ދަތުރު ކުރެވޭކަށް ނެތް. ދައްތަ ވީ މިވަގުތު މަންމަ ކައިރިއަށް ގޮސް. އޭނާ ދިޔައިރު އޭނާ އަކަށްވެސް ނޭންގޭ މަންމަ ޕޮޒިޓިވް ވެފައިވާކަން. މުޅި އާއިލާ އޮތީ ނުރައްކަލުގައި. އަހަރެންގެ ފިރިމީހާގެ ނަންބަރު ތިރީގައި އެވަނީ އާދޭސްކުރަން. އާދޭސް ކުރަން އަހަރެންގެ މަންމަ އާއި އާއިލާ އާށް އެހީވެދީ!،” ދީޕިކާގެ އާދެހުގެ މެސެޖްގައި ބުނެފައި ވެއެވެ.

ދީޕިކާގެ މެސެޖާއެކު އޭނަގެ ފޭނުންގެ އިތުރުން ފިލްމީ ދާއިރާގެ އެތައް ބަޔަކު ދަނީ އޭނާގެ މަންމައަށް އަވަސް ޝިފާ އެއް ލިބުން އެދި ދުއާކޮށް އޭނައަށް ހިތްވަރު ދިނުމުގެ ގޮތުން މެސެޖް ކުރަމުންނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް ތަރިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އެބަލިން ރަނގަޅުވެފައިވާ އިރު ދާދި ފަހުން މި ބަލީގައި ބޮލީވުޑްގެ މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ، ވާޖިދް ޚާން އަދި ޕްރޮޑިއުސަރ އަނިލް ސުރީ ވެސް ވަނީ މަރުވެފައެވެ.

އިންޑިއާގައި 297،237 މީހުންނަށް ކޮވިޑް19 ޖެހިފައިވާ އިރު މިހާތަނަށް އެބަލީގައި މަރުވި މީހުންގެ އަދަދަކީ 8،498 އެވެ.