English Edition
Dhivehi Edition
ސްކީމްގެ ގދ. އަތޮޅު ޗެޕްޓަރ ގެ ހިންގާކޮމެޓީ މެމްބަރުން

ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފުރަތަމަ ޗެޕްޓަރ އެވޯޑު ގދ. އަތޮޅު ޗެޕްޓަރ އަށް ދީފިއެވެ.

ސްކީމްގެ ޗެޕްޓަރ އެވޯޑަކީ ސްކީމްގެ މެމްބަރުން ހިމެނޭ 4 އަތޮޅުގައި އުފައްދާފައިވާ 4 ޗެޕްޓަރ ތަކުގެ ތެރެއިން އަހަރުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތް ތަކެއް ކުރެވިފައިވާ ޗެޕްޓަރ އަކަށް ދޭ ޚާއްޞަ އެވޯޑެވެ. މި އެވޯޑް އިއުލާން ކޮށްފައިވަނީ ސްކީމްގެ ފުރަތަމަ އަހަރު ފާގަހަކުރުމަށް ރޭ އޮންލައިންކޮށް ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ.

ގދ އަތޮޅު ޗެޕްޓަރ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭގައި ތިނަދޫގައި ކުރިއަށް ގެންދިޔަ ޕާރސަނަލް ލީޑަރޝިޕް ޕްރޮގްރާމަކީ މިހާ ހިސާބަށް ތިނަދޫގެ ތާރީޚުގައިވެސް ކުރިއަށް ގެންދިޔަ މިފަދަ އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ގދ.ގެ އެކި ރަށްތަކުންނާއި އަދި ގއ އިން ވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ފެންބޮޑުވާ މައްސަލައިގައި ތިނަދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ސަރވޭގައި ކައުންސިލުން ސްކީމުގެ އެހީތެރިކަމަށް އެދިލެއްވުމުން ސްކީމުގެ ގދ. ޗެޕްޓަރ އިން ވަނީ އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ ކައުންސިލަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ވެސް މަސައްކަތް ކޮށްފައެވެ. ހަމަ އެއާއެކު ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމާއި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ތިނަދޫ އަންހެނުންގެ ކޮމެޓީއާއި ގުޅިގެން ގ.ދ ގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގދ. ޗެޕްޓަރ އިން ވަނީ އަމަލީގޮތުން ބައިވެރިވެ އިސްދައުރެއް އަދާކޮށްފައެވެ.

ސްކީމްގެ ގދ. ޗެޕްޓަރ އިން ވަނީ ކޮވިޑް 19 އާއި ގުޅިގެން ތިނަދޫގައި އުފެއްދި ޓާސްކު ފޯހުގައި ވޮލެންޓިޔަރުންގެ ގޮތުގައި ހަރަކާތްތެރިވެ ކަރަންޓީނު ކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތް ކޮށްފައެވެ. ހަމަ އެއާއެކު މި ޗެޕްޓަރ އިން ވަނީ ސްކީމްގެ ލޯގޯ ޖަހާފައިވާ 100 ފޭސް މާސްކް ތައްޔާރުކޮށް ތިނަދޫގެ ގެތަކަށް ހަދިޔާ ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިއީ މުޅިން ވެސް ޗެޕްޓަރ ގެ މެމްބަރުން އަމިއްލައަށް އިސްނަގައިގެން ކުރި ފާހަގަ ކުރެވޭ މަސައްކަތްތަކެކެވެ.

ސްކީމްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގދ. އަތޮޅު ގެ ޗެޕްޓަރ ޗެއަރޕާރސަން އަމީޒާ އަފީފް ވިދާޅުވީ ސްކީމްގެ ސްލޯގަން ކަމަށްވާ “ސްކީމް..ޗޭންޖިންގ ލައިފް” އަކީ ހަމަ ވަރަށް ވެސް ރަނގަޅު ސްލޯގަން އެއް ކަމަށާއި ސްކީމާއި ގުޅުނު ފަހުން ހަމަ ލައިފް ޗޭންޖް ވެއްޖެ ކަމަށެވެ. އަދި ވޮލެންޓްރީ މަސައްކަތުގައި އިސް ސަފުގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތާއެކު ގދ. އަތޮޅު ޗެޕްޓަރ އާއި ގެން ކުރެވުނު މަސައްކަތްތަކާ މެދު އުފާކުރައްވާ ކަމަށާއި އުއްމީދަކީ އަންނަ އަހަރުވެސް މި އެވޯޑު ގދ. އަތޮޅުން ގެންދިއުން ކަމަށެވެ.

ސްކީމްގެ ގދ. އަތޮޅުގެ ޗެޕްޓަރ ޗެއަރޕާރސަން އަމީޒާ އަފީފް

ސްކީމްގެ މެމްބަރުން ނަށް ވުމުގެ ފުރުސަތު ދެކުނުގެ 4 އަތޮޅަށް ނިސްބަތްވާ ކޮންމެ ރައްޔިތަކަށް ހުޅުވާލާފައިވާއިރު ޝައުގުވެރިވާ ފަރާތްތަކުން ސްކީމްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުމުން މެމްބަރޝިޕްގެ ކަންތައްތައް ކުރިއަށް ގެންދެވެއެވެ. ސްކީމްގެ ފޭސްބުކް ޕޭޖް ލިންކަކީ https://www.facebook.com/SCEAM2019/ އެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަންފެށި ރާއްޖޭގެ ފުރަތަމަ ސަރަހައްދީ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މުއައްސިސުންނަކީ ސ. ހިތަދޫ އާސްޓްރަލްގެ ޝިމްލާ އަޙްމަދު ، ސ. ހިތަދޫ ނޮވެމްބަރުގެ އާމިނަތު އަލީ އަދި ސ. ހިތަދޫ އަލްމާސް ނަސްރަތު ތޯހިރުގެ އިތުރުން ސ. މަރަދޫ މަހިނޫރު ދިހުޝާނާއެވެ.

ސްކީމް ހިމެނޭ 4 އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގައި ވަކި އަތޮޅު ޗެޕްޓަރ އެއް ގާއިމުކުރެވިފައިވާ އިރު މި ޗެޕްޓަރ ތަކަކީ ރަމްޒުކޮށްދޭ އަތޮޅުގައި މަސައްކަތް ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންވާ ކޮމެޓީތަކެކެވެ.