English Edition
Dhivehi Edition

ދިރާގުގެ 31 ވަނަ އަހަރީ ޢާންމު ޖަލްސާ މިއަދު ހެނދުނު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ‘ފަހިވޯޓް’ މެދުވެރިކޮށް ވަރޗުއަލްކޮށް ބާއްވައިފިއެވެ.

މިއީ ދިރާގުން ފުރަތަމަ ފަހަރަށް ވަރޗުއަލްކޮށް ބޭއްވި އަހަރީ ޢާންމު ޖަލްސާއެވެ. އަދި މިއީ “ފަހިވޯޓް” މެދުވެރިކޮށް ކުންފުންޔަކުން ބޭއްވި ފުރަތަމަ ވަރޗުއަލް އަހަރީ ޢާންމު ޖަލްސާވެސް މެއެވެ. 68 ހިއްސާދާރުން މި ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރިއިރު، ޖަލްސާ ނިމިގެން ދިޔައީ ކާމިޔާބުކަމާއެކު އެޖެންޑާގައި ހިމަނާފަހުރި ބައިތައް ފާސްވެގެންނެވެ.

“ދިރާގުން އަލަށް އަހަރީ ޢާންމު ޖަލްސާ ވަރޗުއަލްކޮށް ބޭއްވުން ވެގެން ދިޔައީ އަޅުގަނޑުމެންނަށްވެސް ކުރެވުނު ވަރަށް ތަފާތު، އަދި ރަނގަޅު ތަޖުރިބާއަކަށް. އޭ. ޖީ. އެމް ފަދަ ބޮޑު ޖަލްސާއެއް އޮންލައިންކޮށް ބޭއްވި، އަދި ޖަލްސާގެ އެންމެހާ ކަންތައްތައް ޑިޖިޓަލްކޮށް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިދެކެން. އަދި މިއީ ޑިޖިޓަލް މުސްތަޤުބަލަކަށް އެޅުނު މުހިންމު އެއް ބިންގާ ކަމުގައިވެސް ދެކެން. އަދި ޚާއްޞަކޮށް މި ދަނޑިވަޅުގައި ޑިޖިޓަލް ގޮތްތައް ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ސަބަބަކީ މިގޮތަށް އޮންލައިންކޮށް ޖަލްސާ ބޭއްވުމުން އެކި ހިސާބުތަކުން، ގިނަ ހިއްސާދާރުންނަށް ބައިވެރިވާން ފުރުސަތު ހުޅުވި، ހިއްސާދާރުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުން އިތުރުވެގެން ދިޔުމަށް އެޅޭ ބާރަކަށް ވެގެންދާތީ”، ދިރާގުގެ އެންމެ ފުރަތަމަ ވަރޗުއަލް އަހަރީ ޢާންމު ޖަލްސާ ބޭއްވުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

2019 ވަނަ އަހަރު ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ، ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެ ޓެލެކޮމިއުނިކޭޝަންސް ސިނާއަތުގައި ދިރާގުގެ މާކެޓް ޝެއަރ ހިފެހެއްޓިފައިވުމެވެ.

މިއަދުގެ ޖަލްސާއަށް ވާޗުއަލްކޮށް ބައިވެރިވި ހިއްސާދާރުންގެ އަޣްލަބިއްޔަތުންވަނީ 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ ފައިސާ ފާސްކޮށްފައިވެއެވެ. ދިރާގުން ހިއްސާގެ ފައިދާ ބަހަނީ އަހަރަކު ދެ ފަހަރެވެ. މިގޮތުން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 2019 ވަނަ އަހަރު ހިއްސާއަކަށް 4.14 ރުފިޔާ ވަނީ ހިއްސާދާރުންނަށް ބަހާފައިއެވެ. އަދި މިއަދުގެ ނިންމުމާއެކު، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.86 ރުފިޔާ ހިއްސާދާރުންނަށް ބަހާނެއެވެ. އެހެންކަމުން ފައިދާއަށް ޖުމްލަ 12 ރުފިޔާ ހިއްސާދާރުންނަށް ލިބިގެންދާނެއެވެ.

ފާއިތުވި އަހަރު ދިރާގުގެ އުސްއަލިތަކަށް ބަލާލާއިރު، އެއަހަރަކީ އެކި ގޮތްތޮތުން ދިރާގު ކާމިޔާބީ ހޯދާފައިވާ އަހަރެކެވެ. އެގޮތުން، މިދިޔަ އަހަރުގެ އޭޕްރިލް މަހު ތަޢާރަފުކުރި “ޑިޖިޓަލް ރާއްޖެ” ޕްރޮގުރާމް ވެގެންދިޔައީ ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށެވެ. އެގޮތުން ދިރާގުން ވަނީ ހައި ސްޕީޑް ފައިބަރ ޓުދަ ހޯމްގެ ޚިދުމަތް ރާއްޖޭގެ 75% ގޭބިސީ އަށް މިހާރު ފޯރުކޮށްދީފައިއެވެ. ދިރާގުގެ ފައިބަރ ނެޓްވޯކް ދިވެހިރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫޢުގެ ނަތީޖާއެއްގެގޮތުން މި ނެޓްވާރކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އަވަސް، އެންމެ ބޮޑު ފައިބަރ ނެޓްވާރކްއެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުންއުޅޭ ތިން ސަރަޙައްދުގައި 5ޖީ ތާޢާރުފުކުރުމާ ގުޅިގެން، ދިރާގުވަނީ ދިވެހިރާއްޖެ އަދި ސައުތު އޭޝިއާގައިވެސް އަލަށް ވިޔަފާރި އުސޫލުން 5ޖީ ގެ ޚިދުމަތް ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުންޏަށްވެފައެވެ. ހަމަމިއާއެކު، ބްރޯޑްބޭންޑް އިންޓަނެޓް ސްޕީޑް މަތި ކުރުމަށްޓަކައި 1ޖީބީޕީއެސްގެ އަލްޓްރާ ފާސްޓް އިންޓަނެޓް ގޭބިސީތަކާއި ވިޔަފާރި ކަސްޓަމަރުންނަށް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. މިވަގުތު މިޚިދުމަތް ފޯރުކޮށްދެމުން ދަނީ 13 ރަށުގައިއެވެ.

ދިރާގުގެ “ޑިޖިޓަލް ރާއްޖެ” ކެމްޕެނުން ދޭހަކޮށްދީފައިވަނީ އާ ޓެކްނޮލޮޖީތަކުގެ އެންމެ އިސް ސަފުގައި ފައިތިލަ ސާބިތުކުރުމަށާއި، “ޓޭކް އޮން ޓުމޯރޯ” ހަގީގަތަށް ހެދުމަށާއި، މާދަމާގެ ޚިދުމަތްތައް ދުރާލާ އަވަހަށް ގެނެސްދިނުމަށާއި، ކަސްޓަމަރުންގެ ބޭނުންތަކަށް އިޖާބަ ދެވޭ ކުންފުންޏަކަށް ދިރާގުވުމަށް ކަނޑައަޅާފައިވާ ތަސައްވުރުގެ ސާބިތުކަމެވެ.

ދިރާގުން ދަނީ ދިވެހި ޤައުމު ބިނާކުރުމާއި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ފާއިތުވި އަހަރުގެ އުސްއަލިތަކަށް ބަލާއިރު މިދިޔަ އަހަރުވެސް ދިރާގު އެޕްރެންޓިސް ޕްރޮގްރާމް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަދި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ވަނީ ކުރިއަށް ގެންގޮސްފައިއެވެ. މީގެ އިތުރުން އައު ވިޔަފާރި އުފެއްދުމުގެ (ސްޓާޓްއަޕް) ސަގާފަތެއް ޤާއިމުކޮށް ޒުވާން ވިޔަފާރިވެރިންގެ މެދުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެގޮތުން ގިނަ ޕްރޮގުރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައިއެވެ.

ހަމަމިއާއެކު ފާހަގަކޮށްލަންޖެހެނީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޙަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ވަނީ އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސް.ޕީ.އައި.އޭ އޭޝިއާ އެވޯސްޑްގެ “ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯރޓްސް” ކެޓަގަރީއިން ފަޚުރުވެރި ބްރޯންޒް އެވޯޑް ނިމިދިޔަ އަހަރު ލިބިފައިވާކަމެވެ.

ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އަދި ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއް ކަމުގައިވެސް އެ ކުންފިން ބުނެއެވެ.

ޓެގު