English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

އައްޑޫ ސިޓީގައި އާންމު ވިޔަފާރިތައް ހުޅުވާ ގަޑިތައް ކަނޑައެޅުމަށް ސާވޭއެއް ކުރުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައްޑޫގައި ވިޔަފާރިތައް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސާވޭއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސާވޭ ކުރިއަށްގެންދާނީ މިއަދުން ފެށިގެން ޖޫން 09 ވާ އަންގާރަ ދުވަހުގެ 18:00ގެ ނިޔަލަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މި ސާވޭގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. މި ސާވޭ ފޯމް، މި ލިންކަށް ވަޑައިގެން ފުރިހަމަކުރެވޭނެއެވެ.

އައްޑޫގައި ވިޔަފާރި ގަޑިތައް ކަނޑައެޅުމަށް ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ކައުންސިލުން ވަނީ ސޯޝަލް ސަޕޯޓް ޑެސްކްތަކުން ހުއްދަ ދޫކޮށްފައިވާ ފިހާރަތައް ހުޅުވައިގެން ޚިދުމަތްދެމުން ގެންދަންވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް ކަމުގައި ކަނޑައަޅައިފަ އެވެ. އަދި އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އަދި ޑެލިވަރީގެ ޚިދުމަތްވެސް ނުދެވޭނެ ކަމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެހެންނަމަވެސް އައްޑޫގެ ކެފޭތަކާއި ރެސްޓޯރެންޓްތައް މިހާރުވެސް ކޮންމެ ދުވަހަކު 06:00 އިން 22:00 އަށް ހުޅުވުމުގެ ހުއްދަ ކައުންސިލުން ވަނީ ދީފައެވެ. މިކަމާއި ގުޅިގެން ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް ކައުންސިލަށާއި އައްޑޫ އީއޯސީ އަށް ވަނީ ކުރިމަތިވެފަ އެވެ.

ވިޔަފާރި ގަޑިތަކާއިމެދު ނުރުހުން ފާޅުކޮށް، ފުރަބަންދު އުވާލުމަށް ރައްޔިތުން ގޮވާލަމުން ދަނިކޮށް ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައަކާއި ނުލައި ދަތުރުކުރެވޭނެ ކަމަށް ނިންމައިފަ އެވެ.

މީގެ އިތުރުން، ހުޅުދޫ އަދި މީދޫ ރައްޔިތުން ގުޅިފައިވާ ރަށްތަކަށް ދަތުރުކުރުމަށް ފެރީގެ ޚިދުމަތްދޭން ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.