English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 46 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 763 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 40.14% އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން އެދުވަހު 120 މީހުން ރަނގަޅުވެފައިވާއިރު، އެންއީއޯސީ ހާމަކުރާ ގޮތުގައި ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 28،940 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1443 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1201 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 1901 އަށް އަރާފައިވާއިރު، އެ ބަލީގައި އަށް މީހަކު ވަނީ މަރުވެފައެވެ.