English Edition
Dhivehi Edition
މާލެއިން އައްޑޫ ސިޓީ އަށް ގެނައި ބައެއް މީހުން ކަރަންޓީނަށް ގެންދަނީ - ފޮޓޯ: ސަމަދު

ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައި ވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލު އާންމުކޮށް، އުސޫލަށް ޢަމަލުކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މާލޭގައި ފުރަބަންދު ވެފައިވާ މީހުން ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުންނެވެ. އަދި މާލެއިން ގެންދާ ފަރާތްތަކަކީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް ފަރާތެއް ކަމުގައި ވާންވާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރުން ރަށްރަށުގައި ކަރަންޓީނުވުމަށް ދާން ފުރުސަތު ދެވޭނީ ކައުންސިލްތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވާއިރު، އެ ފަރާތްތައް ކަރަންޓީނު ވާން ބޭނުންވާ ގެއަކީ/ތަނަކީ އެ އުސޫލަށް ފެތޭ ތަނެއްތޯ ޕަބްލިކް ހެލްތު ޔުނިޓާއި ގުޅިގެން ކައުންސިލުން ބަލަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ކައުންސިލުން އެކަން ކަށަވަރުކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެންގުމުން ކައުންސިލްތަކުން އެދޭ ތަރުތީބުން އެފަރާތްތައް ރަށްރަށަށް ގެންދިއުމުގެ އިންތިޒާމް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރުން ކަރަންޓީނުކުރާ ގެއަކީ 60 އަހަރުން މަތީގެ މީހެއް ނުވަތަ މާބަނޑު މީހަކު ދިރިއުޅޭ ގެއަކަށް ވެގެން ނުވާނެ ކަމަށާއި، ނޭވާ ހިއްލުން، ކިޑްނީ ބަލި، ހަކުރު ބަލި، ހިމޮގްލޮބިކް ޑިސްއޯޑަރު އާއި އިމިއުން ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުރި ފަރާތްތައް ގޭގައި އުޅެގެންނުވާނެ ކަމަށް އުސޫލުގައި ބަޔާންވެގެން ވެއެވެ.

އަދި ކަރަންޓީނުކުރާ މީހުން ބަހައްޓަންވާނީ ވަކި ކޮޓަރިއެއްގައި ކަމަށާއި، އެއް ކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެއެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަން ޖެހޭނެއެވެ. އަދި ކަރަންޓީނު ކުރާފަރާތްތައް ބޭނުންކުރަން ވަކި ފާޚާނާއެއް ހުންނަން ޖެހޭއިރު، އެމީހުން ބޭނުންކުރާ ތަކެތިވެސް ބަހައްޓަންވާނީ ވަކިންނެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލޭގައި ފުރަބަންދުވެފައިވާ ފަރާތަތައް ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށެވެ. އަދި 24 ދުވަސް ހަމަވުމުން ޓެސްޓް ހެދުމަށްފަހު ނަތީޖާއަށް ބަލާ ކަރަންޓީނުން ދޫކޮށްލެވޭނެއެވެ.

މީގެ އިތުރުން ކަރަންޓީނު ކޮށްފައިވާ މީހާ ހުންނަގެއަށް އެހެން މީހުންނަށް ޒިޔާރަތް ނުކުރެވޭއިރު، އެގޭގެ އެއްވެސް މީހަކަށްވެސް ކަރަންޓީނުގެ މުއްދަތުގައި ގެއިން ބޭރަށް ނުނިކުމެވޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މީހުން އަދިވެސް އަނބުރާ ރަށަށް ނާދެވި، މާލޭގައި ތާށިވެފައި އެބަތިއްބެވެ. އެގޮތުން ޗުއްޓީއަށް މާލެ ދިޔަ މީހުންނާއި ބޭސްފަރުވާއަށް މާލެ ދިޔަ މީހުންގެ އިތުރުން ރިސޯޓްތަކުން ރަށަށް އައުމަށް މާލެ ގޮސް ތިބި މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.